ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޒުވާނުންގެ ކޮންގްރެސް މިއަހަރުގެ އޯގަސްޓް 30 އަދި 31 މި ދެދުވަހު ހުޅުމާލެ ހުރަވީ ސުކޫލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ކޮންގްރެސްގައި ޒުވާނުންގެ ހިތްވަރުގެ އަސާސީ ޤަވާއިދު ފާސްކުރުމާއި އައު ލޯގޯ ފާސްކުރުމާއި، ކުރިޔަށް އޮތް 03 (ތިނެއް) އަހަރުގެ ތަސައްވުރު އެކުލަވާލުމާއި އަދި ނިމިދިޔަ އަހަރުތަކުގެ އަހަރީ ރިޕޯޓް އިއްވުން އެޖެންޑާ ކުރެވިފައިވެއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ‘ޔޫތް ކޮންގްރެސް’ ގައި ކޮންގްރެސްމަނުންގެ ހައިސިއްޔަތުން ބައިވެރިވާނީ އުމުރުން 18 – 35 އަހަރާއި ދެމެދުގެ އަންނަނިވި ފަރާތްތަކުންނެވެ؛
1. ޕާޓީގެ ސްލޮޓެއްގައި ކެބިނެޓްގައި ތިބި މިނިސްޓަރުން
2. ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުން
3. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުން، ކޮންމެ ދާއިރާއެއްގެ ފޯކަލް ޕޮއިންޓް
4. ޕާޓީގެ ޓިކެޓްގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވެފައިވާ މެމްބަރުން
5. ޕާޓީގެ ޤައުމީ މަޖިލިސް
6. 20 އޮގަސްޓް 2019 އާއި ހަމައަށް ޕާޓިގައި ދަފްތަރު ކުރެވިފައިވާ ޒުވާނުންގެ ގޮފިތަކުގެ ރައީސް އަދި ނައިބު ރައީސުން.
އަދި ހަމައެހެންމެ، އޮގަސްޓް 12 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސްކަމަށްވެފައި، އެމް.ޑީ.ޕީ ޒުވާނުންގެ ކޮންގްރެސްއަކީ ދިވެހި ރާއްޖޭގައި ސިޔާސީ ގޮތުން ހަރަކާތްތެރިވާ އެންމެ ގިނަ ޒުވާނުން އެއްތަނަކުން ބައްދަލުވެ ބަސްބުނުމުގެ ބާރުލިބޭނެ ފުރުސަތުކަމުން، ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް 31 އޮގަސްޓްގައި ފާހަގަ ކުރަންވަނީ ހަމަޖެހިފައެވެ.