ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުޢޫދު ދެއްކެވި ވާހަކައަކާ ގުޅިގެން ސްޕްރީމް ކޯޓުން އޭނާ ހާޒިރުކުރައްވައި މައްސަލަ ބަލަން ފެއްޓެވި ފެއްޓެވުމާމެދު ކަންބޮޑުވުން ފާޅުކުރުން

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުޢޫދު ފަނޑިޔާރުގެ އިސްލާޙުކުރެއްވުމާ މެދު ދެއްކެވި ވާހަކައަކާ ގުޅިގެން އަނެއްކާ ވެސް އޭނާ ސްޕްރީމް ކޯޓަށް ހާޒިރުކުރައްވައި، މައްސަލަ ބައްލަވަން ފެއްޓެވި ފެއްޓުވުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.

އަލްއުސްތާޛު ހުސްނުއް ސުޢޫދު ރާއްޖެޓީވީގެ ޕްރޮގްރާމްގައި ފާޅުކުރައްވާފައިވާ ޚިޔާލުފުޅަކީ ފަނޑިޔާރުގެއިން އިންސާފުނުލިބޭތީ ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެއިން ވެސް ދައްކަމުންގެންދާ ވާހަކައާއި އެއްވާހަކައެކެވެ. އަދި އޭނާ ވާހަކަދައްކަވާފައިވަނީ ފަނޑިޔާރުގޭގައި ހުރި މައްސަލަތަކާއި ސާބިތުވާންހުރި މައްސަލަތަކުގެ މައްޗަށް ތެދު ނިޔަތުގައިކަން ފާހަގަކުރެވެއެވެ. އަދި ޤާނޫނާ އެއްގޮތަށް ދެފުށްފެންނަ ގޮތަށް ހުރިހާ އިޖްރާޢަތްތަކެއް ފުރިހަމަ ކުރުމަށްފަހުގައާއި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހުގައި މެނުވީ ފަނޑިޔާރުން ވަކިކުރެވިގެން ނުވާނޭކަމަށް އޭނާ ބާރުއަޅުއްވާފައިވެއެވެ.

ޤާނޫނުއަސާސީގައާއި ޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި، ސްޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލަބަލަން ފެށުމަކީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ވާހަކަދައްކާ ފަރާތްތަކަށް ބިރުދެއްކުންކަމުގައި ދެކެމެވެ. ފަނޑިޔާރުގެއާ މެދު ޚިޔާލުފާޅުކުރެއްވުމުގެ ސަބަބުން މީގެ ކުރިން ވެސް އެކިފަހަރުމަތިން ސްޕްރީމް ކޯޓުން ވަނީ އަލްއުސްތާޛު ހުސްނުއް ސުޢޫދާއި އަދި އެތަކެއް ޤާނޫނީ ވަކީލުން ސަސްޕެންޑްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމާއި ފަނޑިޔާރުގެއާ މެދު ވަރަށް ގިނަ ދިވެހިރައްޔިތުންނާއި އަދި ބައިނަލްއަޤުވާމީ ފަރާތްތަކުން ގެންދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ޝަރުޢީ ނިޒާމް ވަގުތުން އިސްލާޙުކުރުމަށް ގޮވާލަމުންނެވެ. މިގޮތން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ޚާއްޞަ މުޝީރު ވެސް މީގެ ކުރިން ވަނީ ރާއްޖެވަޑައިގެން ދިރާސާކުރެއްވުމަށްފަހު ރާއްޖޭގެ ވަކީލުން ސަސްޕެންޑްކުރާ ކުރުމާއި، އަދި ޝަރުޢީ ނިޒާމު އޮތް ޙާލަތާމެދު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. މީގެ އިތުރުން އދ. ގެ ހިޔުމަން ރައިޓްސް ކޮމިޝަނާއި، ކޮމެންވެލްތާއި، ޔޫރަޕިއަން ޔޫނިއަން އާއި އެކިއެކި ޑިމޮކްރެޓިކް ޤައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކުން ވެސް ރާއްޖޭގެ ޝަރުޢީ ނިޒާމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަންކަން ވަގުތުން އިސްލާޙުކުރެއްވުމަށް ގެންދަނީ ގޮވާލަމުންނެވެ.