ނޫސް ބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވަނީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ކަންކަން ފުއްދުމަށް ވައުދުވެއެވެ. އަދި އެވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަންކަން ބަޔާންކޮށް އެޖެންޑާ19 ގައި ވަނީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލާފައެވެ. އެހެން ކަމުން، ޖަޒީރާ ރާއްޖެ މެނިފެސްޓޯއާއި އެޖެންޑާ19 ގައިވާ ކަންކަން ތަންފީޛުކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މިޕާޓީގެ މެންބަރުން އެއް ވިސްނުމެއްގައި މަސައްކަތް ކުރުމަށް މިހާރު ވަނީ 5 ކޮމިޓީއެއް އެކުލަވާލާފައެވެ. އެއީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފަސް ދާއިރާ ކަމުގައިވާ، އިންޞާފު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްޠިޞާދު ގެ މައްޗަށް އެކުލަވާލާފައިވާ 5 ކޮމިޓީއެވެ.
އެކޮމިޓީތަކުގެ މައިގަނޑު މަސައްކަތަކީ، މި 5 ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމާއި، ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގާންޖެހޭ މަޝްރޫޢުތައް ދެނެގަނެ އެމަޝްރޫޢުތައް ހިންގާނޭ އުޞޫލުތައް ދެނެގަތުމެވެ. މި ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވަނީ، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިޕާޓީގެ މެންބަރުންނާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ބޭފުޅުންނާއި، ފަންނީ މާހިރުންނެވެ.