ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އދ. މަހިބަދޫ ދާއިރާ އާއި ފ. ނިލަންދޫ ދާއިރާއަށް ވާދަކުރާ އަދާލަތު ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން 86 ދާއިރާއަކަށް ވާދަކުރަންވަނީ ނިންމާފައެވެ. ސަރުކާރުގެ ވަޢުދުތައް ފުއްދުމަށްޓަކައި ޢަދާލަތު ޕާޓީއިން ތާޢީދުކުރުމަށް ނިންމަވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މަރުޙާބާ ކިޔަމެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވާދަކުރާ 86 ދާއިރާގެ ތެރެއިން އދ. މަހިބަދޫ ދާއިރާގެ އިތުރުން ނިލަންދޫ ދާއިރާއަށް ޢަދާލަތު ޕާޓީއިން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ތާޢީދުކޮށް އެ ގޮނޑިތައް ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޢަދާލަތު ޕާޓީއަކީ ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ހިންގާފައިވާ ޚިޔާނާތާއި ވައްކަމާއި ދެކޮޅަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއެކީ ފެށި މަސައްކަތުގައި މިހާތަނަށްވެސް އެކުގައި ސިޔާސީ މަސައްކަތްކުރަމުން އަންނަ ސިޔާސީ ޕާޓީއެކެވެ.