އޭޕީޑީޔޫގެ ވައިސް ޗެއާރމަންއަށް އިންތިޚާބުވެ ވަޑައިގަތުމުން ޗެއާރޕާސަން އަލްއުސްތާޛު ޙަސަން ލަޠީފަށް މަރުހަބާ ދެންނެވުން

އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔުނިއަން އަކީ ޑިމޮކްރަސީގެ އުސޫލުތައް ހިފަހައްޓާ ކުރިއަރުވަން ސިޔާސީ ޕާޓީތަކުން ބައިވެރިވެގެން ހިނގާ ޖަމިއްޔާއެކެވެ. މިމަހުގެ 13 އިން 15 އަށް ކޮލަންބޯގައި ބޭއްވުނު މިޖަމިއްޔާގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާރޕާސަން އަލްއުސްތާޛު ޙަސަން ލަޠީފު ވަނީ ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ފަރާތްތަކުގެ އިއްތިފާޤުން އެޖަމިއްޔާގެ ވައިސް ޗެއާރމަން އަކަށް ހޮވިވަޑައިގެންފައެވެ. ޗެއާރމަން އަކަށް ހޮވިވަޑައިގެންފައިވަނީ ސްރީލަންކާގެ ޕްރައިމް މިނިސްޓަރ ރަނިލް ވިކްރަމަ ސިންހާއެވެ.
ޗެއާރޕާސަން ވިދާޅުވެފައިވަނީ މިމަޤާމަކީ މުޅި ޕާޓީއަށް ލިބުނު މަޤާމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި މިކަމުގެ ސަބަބުން ޚާއްޞަކޮށް އިންޑިއާ ކަނޑުގެ ޤައުމުތަކުގެ މެދުގައި ކަންކަން ނިންމުމުގައި އެމްޑީޕީއަށް ބަސްބުނެ މަޝްވަރާތަކުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން މަޖިލިހުގެ ތެރޭން ސަރުކާރުގެ ކަންކަން ނިންމުމަށްވެސް ފަސޭހަވެގެން ދާނެކަމަށެވެ.
މިފުރިހަމަ ކާމިޔާބީއަށް އެމްޑީޕީން މަރުހަބާ ދަންނަވާ ޗެއާރޕާސަންގެ މަސައްކަތަށް ކާމީޔާބީއަށް އެދެމެވެ.