ބާޣާވާތާ ގުޅިގެން ހިނގި ހަމަނުޖެހުމުގައި ދަޢުވާކުރި އެމްޑީޕީ މީހުންގެ ތެރެއިން 70 މީހުންގެ މައްސަލަ ރިވިއުއަށް ހުށަހަޅައިފި

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު، ބަޔަކުމީހުން ރާވައިގެން އޭރު އޮތް އެމްޑީޕީގެ ސަރުކާރު ވައްޓާލައި ބަޣާވާތްކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުމުގައި، ޓެރަރިޒަމްގެ ޢަމަލު ހިންގީކަމަށްބުނެ އައްޑު އަތޮޅުން ދަޢުވާކޮށްފައިވާ 70 މީހެއްގެ މައްސަލަ މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު އެމްޑީޕީން ހުށަހަޅައިފިއެވެ.
މިހާރުގެ އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު 31 ޑިސެމްބަރ 2018 ގައި ކަނޑައަޅުއްވާފައިވާ ޢާންމު ސިޔާސަތުގައި ވަނީ “މީހަކު ކުރާ ކުށުގެ ޢަމަލެއްގެ މައްޗަށް ދަޢުވާ ކުރުމަށް ބަލާއިރު، އެ ކުށުގެ ޢަމަލު ތަޖުރީމުކުރާ އެއް ޤާނޫނަށްވުރެ ގިނަ ޤާނޫނު އޮތްނަމަ، ދަޢުވާކުރާނީ އެ ތަނުން މުއްތަހަމަށް ލުއި އިޖްރާއާތާއި އަދަބު ކަނޑައެޅިފައިވާ ޤާނޫނުގެ ދަށުންކަމަށް ކަނޑައެޅޭނެ ގޮތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް ބައްޓަން” ކުރަންވާނެކަމަށެވެ. މިހެންކަމުން، އެމްޑީޕީން މި މައްސަލަތައް މުރާޖަޢާކުރުމަށް ހުށަހެޅީ، މިހާރު މި 70 މީހުންގެ ދަޢުވާތައް ހުރި ގޮތުން، އެމީހުންގެ މައްޗަށް ކުށްސާބިތު ވެއްޖެނަމަ، ކަނޑައެޅޭނީ އެންމެ ލުއި އަދަބުކަމުގައި ނުވާނެތީވެއެވެ.
2012 ވަނަ ހިންގި ބަޣާވަތާ ގުޅިގެން އައްޑޫއިން 70 މީހެއްގެ މައްޗަށް، ގދ.ތިނަދޫއިން 94 މީހެއްގެ މައްޗަށް އަދި ލ.އިސްދޫގެ 4 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށްފައިވެއެވެ. އަދި ހއ.އިހަވަންދޫގެ 22 މީހަކާއި، ރ.އަލިފުށިން 4 މީހަކާއި، ހއ. ދިއްދޫ 8 މީހަކާއި، ބ.ތުޅާދޫން 4 މީހަކާއި އަދިވެސް އެތައް ބަޔަކަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދަޢުވާ ކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ ދަޢުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ. ނުވަތަ ޖޫރިމަނާއަކުން މައްސަލަ ނިންމާފައެވެ.