ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުން ނޫން އެކިއެކި އެހެން ކެންޑިޑޭޓުން، އެމްޑީޕީގެ ފަރާތުން ޝާއިޢުކޮށްފައި ހުރި ފޮޓޯތަކާއި، ޕޯސްޓަރުތަކާއި ސްޓިކާތަކާއި ނިޝާންތައް، ނާޖާއިޒުގޮތުގައި ބޭނުންކޮށް ނުވަތަ އެއަށް ނަގުލީ ސިފަ ގެނެސްގެން، މީސް މީޑިޔާގައި ޢާންމުކޮށްފައިވާތީ، މި މައްސަލަ އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.
އެމްޑީޕީން މިއަދު އުފުލި ޝަކުވާގައިވަނީ އެމްޑީޕީގެ ފިކުރީ މުދާ ނާޖާއިޒުގޮތުގައި ބޭނުންކޮށް ނުވަތަ އެއަށް ނަގުލީ ސިފަ ގެނެސްގެން، ފޭސްބުކްގަޔާއި، ވައިބަރ ގްރޫޕްތަކުގައި، ނައިފަރު ދާއިރާއަށް ކުރިމަތިލާފައިވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުކަމުގައިވާ ޢަބްދުﷲ ޢަބްދުލްޙަކީމާއި އޭނާގެ ކެމްޕޭނު ޓީމުގައި އުޅޭ ޢަބްދުﷲ ވަދީފު މޫސާ، މާފޮޅޭގެ / ޅ. ނައިފަރު، 19 ފެބްރުއަރީ 2019 ގައި، އަދި އެހެން ދުވަސްދުވަހުވެސް ޕޯސްޓުކޮށްފައިވާތީ، މި މައްސަލަ ބަލައިދިނުމަށެވެ.
މި މައްސަލައިގައި އެމްޑީޕީ ނައިފަރުދާއިރާއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި https://twitter.com/mdpnaifaru/status/1102145054938812416 ވަނީ، އަނެކެއްގެ އުފެއްދުމެއް ތިމާގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުންކޮށްގެން ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުން ހިންގާ “ފޮށިފެޅުމުގެ” ކަންކަން އިންތިހާއަށް ކުށްވެރިކުރާކަމަށެވެ. އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި 1 ވަނަ އިޞްލާޙުގައި، އަނެކެއްގެ އިންތިޚާބީ ޙައްޤަކަށް ޤާނޫނީގޮތުން ނޭދެވޭގޮތަކަށް ބެހި، ނުވަތަ އެފަދަ ޙައްޤަކާމެދު ޤަދަރާއި އިޙްތިރާމް ކުޑަކުރުމުގެ ސަބަބުން، އަނެކަކަށް އެ ޙައްޤު މިނިވަން ގޮތުގައި ހުރަސްއެޅުމަކީ، ނުވަތަ ހުރަސްއަޅަން އުޅުމަކީ ކުށެއްކަމުގައި އެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ 22 ނަންބަރުގައި ބަޔާންކޮށްފައިވާކަމަށެވެ.