ޤާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިންތިޚާބީ ތާރީޚުތަކަށް ސްޕްރީމް ކޯޓުން ބަދަލު ގެންނެވުމާމެދު އެމް.ޑީ.ޕީ އިން ކަންބޮޑުވުން

އިލެކްޝަންސް ކޮމިޝަނުން އިޢުލާކޮށްފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުޑަތަންވެފައި ވަނިކޮށް، އެ އިންތިޚާބަށް ވާދަކުރުމަށް ޤާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތަށް ސްޕްރީމް ކޯޓުން ބަދަލު ގެނެސް، މީގެ ކުރިއެކޭ އެއްފަދައިން އަނެއްކާ ވެސް ސްޕްރީމް ކޯޓުން އިންތިޚާބުގެ ތެރެއަށް ވެންނެވުމުގެ ޢަމަލު ހިންގަވަން ފަށްޓަވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމެވެ.

މުޅި ރާއްޖޭގައި ފުޅާގޮތެއްގައި ވާދަވެރި ޕްރައިމެރީއެއް މިފަހަރުވެސް ބޭއްވި ހަމައެކަނި ސިޔާސީ ޕާރޓީއަކީ އެމް.ޑީ.ޕީ. ކަމަށްވާއިރު، ޕްރައިމެރީގައި ނާކަމިޔާބުވާ ފަރާތްތަކުގެ ވާހަކަ ނަންގަނެ، ސްޕްރީމް ކޯޓުން މިއަދު އެ ނިންމުން ނިންމަވައި، އިންތިޚާބީ ތާރީޚުތަކަށް ބަދަލު އަންނާނޭ ގޮތަށް ޢަމަލުކުރައްވާފައިވަނީ މި ޕާރޓީއަށް އަމާޒުކޮށްގެން، މަޖިލިސް އިންތިޚާބުގައި މި ޕާރޓީއަށް ގެއްލުން ދެއްވުމުގެ ގޮތުންކަމަށް ދެކެމެވެ.

ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމެރީ އިން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭނޭ ގޮތަށް މިދިއަ ސަރުކާރުން ފާސްކުރި ޤާނޫނަށް ސްޕްރީމް ކޯޓުން ވާގިވެރިވުމުގައި މިހުރިހާ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވުމާއެކު ކުއްލިއަކަށް އަނެއްކާ ވެސް އިންތިޚާބީ ތާރީޚުތަކަށް ބަދަލު އަންނާނޭ ގޮތްތަކަށް ޢަމަލުކުރެއްވުމަކީ ވަކި ބަޔަކަށް ސިޔާސީ މަންފާއެއް ހޯއްދަވައިދެއްވުމަށް ކުރެއްވި ކަމެއްކަމުގައި މި ޕާރޓީ އިން ދެކެމެވެ. ސްޕްރީމް ކޯޓަކީ ސޫއު މޯޓޯގެ އުސޫލުން އަމިއްލައަށް އެކިއެކި ޤާނޫނުތައް ނަންގަވައިގެން އެ ޤާނޫނުތަކުގެ މާއްދާތަކާއި ބާބުތައް މީގެ ކުރިން ބާތިލުކުރައްވާފައިވާ ކޯޓެއްކަން ވެސް ފާހަގަ ކުރަމެވެ. ނަމަވެސް މިހާތަނަށް ވެސް މިދިއަ ސަރުކާރުން ފާސްކުރި މި ޤާނޫނުގެ މާއްދާ ބާތިލުކުރައްވާފައި ނުވެއެވެ. ހަމައެފަދައިން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް އެހެން އެއްވެސް ޕާރޓީއަކަށްވުރެ ކުރިން އެމް.ޑީ.ޕީ އިން ކެންޑިޑޭޓުން ހޮވައި، ފުރިހަމައަށް ތައްޔާރުވެ، ކެމްޕޭނުގެ މަސައްކަތް ފަށާފައިވަނިކޮށް، އިންތީޚާބީ ތާރީޚުތަކަށް ބަދަލުގެނައުމަކީ މި ޕާރޓީއަށް އަމާޒުކުރައްވައިގެން މި ޕާރޓީއަށް ގެއްލުންދެއްވުމުގެ ގޮތުން ހިންގަވާފައިވާ ޢަމަލެއްކަމަށް ދެކެމެވެ.

ޤާނޫނޫނީ ގޮތުން އެލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީޚުތަކާ އެއްގޮތަށް އިންތިޚާބު ބޭއްވުމަކީ ކޮންމެހެން ލާޒިމުކަމަކަށްވާތީ، އެގޮތަށް ޢަމަލުކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދޭންޖެހެއެވެ.