އެމްޑީޕީ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑު ޢާންމުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑު އެމްޑީޕީން މިއަދު ޢާންމުކޮށްފިއެވެ.
މި ގޮތުން މިއަދު އެމްޑީޕީން އާންމުކުރި ކެންޑިޑޭޓުންގެ ސުލޫކީ މިންކަނޑަކީ، އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު (ޤާނޫނު ނަންބަރ 11/2008) ގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑާއި، އެ ޤާނޫނުގެ 74 ވަނަ މާއްދާއަށް، 2018 ވަނަ އަހަރު، ކުށާއި އަދަބު އިތުރުކޮށްފައިވާއިރު، އެ ކަންކަންކަމަށް ރިޢާޔަތްކޮށް، މިހާރުގެ ޤާނޫނަށްވުރެ ފުރިހަމައަށް ފަރުމާކުރެވިފައިވާ ސުލޫކީ މިންގަނޑެކެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑުގައި، ޕާޓީގެ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކައި، އިސްލާމްދީނުގެ ޙުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ބާރު އެޅުމުގެ އިތުރުން، ނަޒާހަތްތެރި ކެންޑިޑޭޓުންތަކެއް ޕާޓީގެ ފަރާތުން ހުށަހެޅުމަށްޓަކައި ކެންޑިޑޭޓުންގެ މާލީ ބަޔާން، ފުރިހަމަ ތަފްޞީލާއެކު ޢާންމުކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ.
އަދި އިންތިޚާބާ ގުޅިގެން ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ ނުވަތަ ތަކެތި ހޯދުމަށްޓަކައި، އެއްވެސް ފަރާތަކާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ނާޖާއިޒު ބާރެއް ބޭނުންނުކުރުމަށާއި، ވަކިމީހަކަށް ޚާއްސަ އިމްތިޔާޒުތަކެއް ހޯދައިދޭނެކަމުގެ، ނުވަތަ ޒާތީ ފައިދާތަކެއް ހޯދައިދޭނެކަމުގެ ހުށަހެޅުމެއް ހުށަނޭޅުމަށް އެމްޑީޕީގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައި ވެއެވެ.

ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑު ލީފްލެޓް ބެއްލެވުމަށް މިލިންކަށް ފިއްތަވާލައްވާ )