މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ މައްޗަށް އެމް.ޑީ.ޕީ. ގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރުން

މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕީ.ޕީ.އެމް.ގެ ފަރާތުން ކުރަމުންދާ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްއިރު ޕީޕީއެމް އިން އެފަދަ ކަމެއް ކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ. އޮނަރަބްލް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިނިސްޓަރ އޮފް ޑިފެންސްކަމުގެ މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެކަމަނާ އެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރައްވާފައިވަނީ ތަޢުރީފު ޙައްޤުވާ މިންވަރަކަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓަވައި، ދިވެހި ސިފައިންގެ ގަދަރާއި ޝަރަފު އުފުއްލަވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓެވުމުގެ ހަރުދަނާ މަސައްކަތްޕުޅުތައް އެކަމަނާ ކުރައްވާފައިވަނީ ފާހަކުރަންޖެހޭ މިންވަރަކަށެވެ.

މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ މައްޗަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ފުރިހަމަ އިތުބާރު އެބައޮތެވެ. އަދި އެމް.ޑީ.ޕީ. އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އެކަމަނާގެ އިތުބާރު އޮތްކަމަށް ވޯޓުދެއްވާނެއެވެ. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ އެހެން ޕާރޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް އެކަމަނާގެ އިތުބާރު އޮތްކަމަށް ވޯޓް ދެއްވާނޭކަން ޔަޤީންކުރަމެވެ.