ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް ހުށަހެޅުއްވި، ރައްޔިތުންނަށް އުއްމީދު ގެނެސްދެނެވި ރިޔާސީ ބަޔާނަށްޓަކައި ޝުކުރާއި މުބާރިކުބާދީ ދެންނެވުން.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާއަށް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއައްޔާ އޮނަރަބަލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ހުށަހެޅުއްވި، ރައްޔިތުންނަށް އުއްމީދު ގެނެސްދެނެވި ރިޔާސީ ބަޔާނަށްޓަކައި އެމަނިކުފާނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ ދަންނަވަމެވެ.

ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ބޮޑެތި ހެޔޮ ބަދަލުތައް ގެނެސްދިނުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހާމަކުރެއްވި ސިޔާސަތުތަކާއި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ރައްޔިތުންގެ އުއްމީދުތައް އާލާވެގެން ގޮސްފައިވެއެވެ. އަދި ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން، ބޮޑު ބަދަލަކާއެކު ފެނިގެންދާނެކަމާމެދު ޝައްކެއްނެތެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި، އެމް.ޑީ.ޕީގެ ތަޞައްވަރާއި ސިޔާސަތުތަކާ އެއްގޮތަށް، މި ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނެގެހެއްޓުމަށާއި، ފަރުދީ މިނިވަންކަމާއި ޙައްޤުތައް ކަށަވަރުކުރުމަށް އޮތް މަތިވެރި ޢަޒުމު ހާމަވެގެން ގޮސްފައެވެ. މި ޕާރޓީން އަބަދުވެސް ގޮވާލަމުންގެންދާ ބީދާއިން، ފަނޑިޔާރުގެ މިނިވަންކުރުމާއި ޢަދުލުއިންސާފާއި ހަމަހަމަކަން ޤާއިމުކުރުމުގެ މުހިއްމު މަސައްކަތްޕުޅު ކުރައްވާނޭކަމުގެ އުއްމީދު ދެއްވާފައިވެއެވެ. ވައްކަމާއި ކޮރަޕްޝަނުގެ މޫތައް ނެތިކޮށްލުމުގެ މަސައްކަތްޕުޅުކުރައްވާނޭކަމުގެ ޔަޤީންކަން ވެސް ދެއްވާފައިވެއެވެ.

“ނޫ އިޤްތިޞާދު” ގެ ސިޔާސަތުގެ ދަށުން މުޅި ޖަޒީރާ ރާއްޖެ ތަރައްޤީވެގެންދާނޭގޮތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ބަޔާނުން ހާމަވެގެން ގޮސްފައިވެއެވެ. ލާމަރުކަޒީކުރުމާއި، ފަރުދުންގެ އާމްދަނީގެ ޓެކްސް ތަޢާރަފުކުރުމާއި، ވަޒީފާގައި އުޅޭ ފަރާތްތަކަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާއި، ވަޒީފާނެތުމުން ވަޒީފާ ހޯދަން މަސައްކަތްކުރަމުންދާ ފަރާތްތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި، ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުމުގެ ހަރުދަނާ ޢަޒުމު އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ. އަދި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ރާއްޖޭގައި ހިލޭކިޔެވޭނޭގޮތް ވުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށް ކުޑަ އިންޓްރެސްޓްގައި، ދިގު މުއްދަތެއްގައި އަދާކޮށް ނިންމާގޮތަށް ފަސޭހަކަމާއެކު ލޯނު ފޯރުކޮށްދިނުމުގެ ސިޔާސަތު ފަދަ ސިޔާސަތުތަކުގެ ސަބަބުން ކިޔަވާކުދިންނާއި ރައްޔިތުންގެ އުއްމީދުތައް އާލާވެގެން ގޮސްފައިވާކަން އެމް.ޑީ.ޕީ އިން ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ.

ރައީސުލްޖުމްހޫރިއައްޔާ އޮނަރަބަލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ބަޔާނުން ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އުފާވެރި ޚަބަރުތަކާއި އުއްމީދުތައް ޙާޟިލުކުރުމަށް އެމް.ޑީ.ޕީ. ގެ ފުރިހަމަ ތާޢިދާއި އެއްބާރުލުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނޭކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި އެކަންކަމަކީ މި ޕާރޓީގެ ތަޞައްވަރާއި ސިޔާސަތުތައްކަމަށްވާތީ، އެކަންކަން ހަޤީޤަތަކަށް ހެދުމަށްޓަކައި، ސަރުކާރަށް ޤާނޫނީ ބާރުވެރިކަން ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މި ޕާރޓީއަށް ފުރިހަމަ އަޣުލަބިއްޔަތު ރައްޔިތުން ދެއްވުމަކީ ނުހަނު މުހިއްމުކަމަކަށްވާތީ، މި ޕާރޓީއަށް ވޯޓުދެއްވުމަށް ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެމެވެ.