ރައްޔިތުންގެ މަޖިލީސް 2019 ގެ އިންތިޚާބަށް އެމްޑީޕީން ކުރިމަތިލުމަށް ޓިކެޓް ލިބިފައިވާ 86 ކެންޑިޑޭޓުންގެ ފޯމް އިލްކެޝަންސް ކޮމިޝަނާ ހަވާލުކޮށްފި

ރައްޔިތުންގެ މަޖިލީސް 2019 ގެ އިންތިޚާބަށް އެމްޑީޕީން ކުރިމަތިލުމަށް ޓިކެޓް ލިބިފައިވާ 86 ކެންޑިޑޭޓުންގެ ފޯމް އިލްކެޝަންސް ކޮމިޝަނާ ހަވާލުކޮށްފިއެވެ. މިއަދު ހެނދުނު ފޯމް ހަވާލުކުރުމަށް ބޭއްވުނު އިވެންޓްގައި، އެމްޑީޕީގެ ކެންޑިޑޭޓުންނާ، ގައުމީ މަޖިލިސް މެންބަރުންނާ، ދާއިރާ މަޖިލީސްތަކުގެ މެންބަރުންނާ، ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންވަނީ ބައިވެރިވެ، އެމްޑީޕީ ސެކްރެޓޭރިއަޓުން ފެށިގެން ބާ ޖަމާލުއްދީންގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ މަރުކަޒާ ހަމައަށް ހިނގާލުމެއް ބާއްވާފައެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމްތައް ހަވާލުކުރުމަށް ބޭއްވުނު އިވެންޓްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީއަށް ޝުކުރު އަދާކުރައްވާ، އީސީއަށް ޕާޓީން ދޭ އެއްބާރުލުން ފާހަގަކުރައްވާ، ކެންޑިޑޭޓުން ކެމްޕޭންކުރެއްވުމުގައި ސުލޫކީ މިންގަނޑުތައް ހިފެހެއްޓެވުމަށް އިލްތިމާސްކުރައްވާފައިވެއެވެ. މިހަފްލާގައި ކޮމިޝަންގެ މެންބަރު އިސްމާއިލް ޙަބީބް އަބްދުލް ރަޙްމާން ދެއްކެވި ވާހަކަފުޅުގައި، އެމްޑީޕީން ވޯޓްލާ ފަރާތްތައް ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތް ފާހަގަކުރައްވާ، އެއީ ހުރިހާ ސިޔާސީ ޕާޓީއަކުން ކުރުން މުހިއްމު ކަމެއް ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ފޯމްތައް ސަހަތޯ ބަލުމުގެ މަސައްކަތްކުރެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑޭޓުންގެ ފޯމް ލުމަށް ބޭއްވުނު އިވެންޓްގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުން ދެއްވި އެއްބާރުލުން ފާހަގަކުރައްވާ، މިނިވަންކަމާ އެކީ އިންސާފުވެރި އިންތިޚާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ގަދަ އަޅައި މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.