އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީސް 2019 އަށް ކުރިމަތިލާ ކެންޑިޑޭޓުންނާ، ކެންޑިޑޭޓުންގެ އޭޖެންޓުންނާ، ކެމްޕޭން މެނޭޖަރުންނާ ކެމްޕޭން ޓީމްތަކުގެ އިސް ފަރާތްތައް ޝާމިލުކޮށްގެން ވަރކްޝޮޕްތަކެއް ހިންގަންފެށުން

5 ފެބްރުއަރީ 2019
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީސް 2019 އަށް ކުރިމަތިލާ ކެންޑިޑޭޓުންނާ، ކެންޑިޑޭޓުންގެ އޭޖެންޓުންނާ، ކެމްޕޭން މެނޭޖަރުންނާ ކެމްޕޭން ޓީމްތަކުގެ އިސް ފަރާތްތައް ޝާމިލުކޮށްގެން ވަރކްޝޮޕްތަކެއް ހިންގަންފެށިއްޖެއެވެ. 4، 5 އަދި 6 ފެބްރުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިވަރކްޝޮޕްތަކުގައި އެމްޑީޕީން އެޖެންޑާ 19 ކެމްޕޭންގެ ދަށުން ހުށަހަޅާފައިވާ ޤާނޫނުތަކުގެ ކޮންސެޕްޓްތަކުގެ މައުލޫމާތު ހިއްސާކޮށް، ކެންޑިޑޭޓުންނާ ކެމްޕޭން ޓީމްތައް މިކޮންސެޕްޓްތަކަށް އަހުލުވެރިކުރުވާ، ކެމްޕޭން މަސައްކަތްތައް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. މިވަރކްޝޮޕްތައް ހިންގަވަނީ މަޖިލިސް ކެމްޕޭން ޓީމްގެ ޓްރެއިނިންގް ޔުނިޓުންނެވެ. އަދި މިވަރކްޝޮޕްތަކަށް ވަރަށް ހޫނު ތަރުހީބެއް ލިބެމުންދާކަމަށް ޓްރޭނިންގް ހިންގަވާ ފަރާތްތަކުން މައުލޫމާތު ދެއްވާފައިވެއެވެ.
އެމްޑީޕީ އިން ހުށަހަޅަން ގަސްދުކުރާ ޤާނޫނުތަކުގެ ކޮންސެޕްޓްތައް އެކުލަވާލެވިފައިވަނީވެސް 26 ޖެނުއަރީ 2019 ގައި ބޭއްވިފައިވާ ވަރކްޝޮޕެއްގައި ޕާޓީގެ ޤައުމީ މަޖިލީހާ، ކެންޑިޑޭޓުންނާ، ކޮމިޓީތަކުގެ ޚިޔާލު ހޯދުމަށްފަހުއެވެ. އެއަށްފަހު އާއްމުންގެ ޚިޔާލު ހޯދުމަށް ޕާޓީގެ ވެބްސައިޓުގައި 28 ޖެނުއަރީ އިން 5 ފެބްރުއަރީއަށް މިކޮންސެޕްޓްތައްވަނީ އާއްމުކުރެވިފައެވެ. އަދި އާއްމުންގެ ޚިޔާލުތަކާމެދު މަޝްވަރާކުރުމަށްފަހު ކޮންސެޕްޓްތައް ފައިނަލްކުރެވޭނެއެވެ.