މެންބަރުންގެ ޚިޔާލު: ބޯދާ ވިސްނުން ދޫކޮށް، އެކުވެރިކަމާއެކު، ޤައުމު ތަރައްޤީ ކުރަމާ ހިނގާށެވެ!

15 އޮކްޓޯބަރ 2010

ޙަޞަން މާހިރު، ހުޅުދޫ

މާތްވެގެންވާ އިސްލާންދީނުގެ މަތިވެރި އަސްލުތަކާއި ޚިލާފުނުވެ މީހުންގެ ޒާތީކަންކަމުގެ މައްޗަށް ތަނާޒުލުވެ ވެރިކަން ހިންގުމުގެ ޙުކޫމަތުގެ މައްޗަށް ފާޑުކިއުމަކީ، އެފަދަކަންކަން ރަނގަޅުވުމުގެ މަތިވެރި އަސާސެވެ. ފިޠުރަތުގެ ޤާނޫނެވެ. މިއީ ޤައުމިއްޔަތު ބިނާކުރުމުގައި މިއަދު ވިސްނަންޖެހޭ، މުހިއްމު ރުކުނެކެވެ. ވީހިނދު، ރާއްޖޭގެ ސިޔާސީ އަދި ޢިޖުތިމާޢީ އަދާލަތުގެ މައްޗަށް ތަހުލީލީ ނަޒަރަކުން ވިސްނާ އިރު، ޒަމާނުއްސުރެ، އަޅުގަނޑު މެންގެ ރާއްޖެގެ ވެރިކަން ހިންގުމުގެ ޙުކޫމަތުގެ ތެރޭގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާގެ މައްޗަށް އައިސްފައިވާ އަދި އަންނަމުންދާ އިސްލާޙީ ބަދަލުތަކުގެ މިންވަރު ވަރަށް ކުޑައެވެ. ސިޔާސީ ނަޒަރަކުން ބަލާއިރު، ވެރިކަން ހިންގުމުގެ އުސޫލުތައް ވެސް އޮތީ މި ބީދައިންނެވެ. ހަގީގަތުގައި ރާއްޖޭގެ ވެރިކަމުގެ ޤަލަންދާރުކަމާއި، އަދުލު އިންސާފްގެ މައްޗަށް އަންނަން ޖެހޭ، އިސްލާހީ ބަދަލުތައް ގެނައުމުގެ ބުރަ މަސްއޫލިއްޔަތު އުފުލުމުގައި އެކަމުގެ މައްޗަށް ޒަމާނާ އެކަށޭނަ ގޮތުން ވެސް ފާލުންނެއްޓި ކަސިޔާރު ވުމުގެ އަސްލަކީ، ޤާނޫނީ ގޮތުން އެފަދަ ގައުމީ މަސްއޫލިއްޔަތު ހަވާލުވެ ތިބި ފަރާތްތައް ތިމާމެންގެ ޒާތީ މަސްލަޙަތުތައް އިސްކޮށް، ޤައުމީ ވާޖިބުތައް ދޫކޮށްލުމެވެ. މިގައުމަށް އުފެދުނު ބައެއް ސިޔާސީ އަދި ޤާނޫނީ އިލްމުވެރިންގެ ކިބައިގާ ހުންނަންޖެހޭ، ސިޔާސީ އަދި ޤާނޫނީ އިލްމުގެ މަބާދީތަކާއި، އެކަމުގެ ހުނަރުވެރިކަން އެފަދަ ފަރާތްތަކުގެ މެދުގައި އުނިވެ އޮތުމެވެ. އަމިއްލަ ޒަމީރަށް ތަންދެވިފައި އޮތުމާއި، އުއްމަތައްޓަކާ އެކަށައެޅުނު ނުވަތަ ފަރުމާކުރެވުނު ޤާނޫނުތަކުގެ ޙިކުމަތް ބަލިކަށިވެ، އަދި އަދުލު އިންސާފުގެ ޙުކޫމަތު ޤާއިމުކުރަން ތިބި ބައެއް ފަނޑިޔާރުންނާއި، ޤާޟީންނާއި، ސިޔާސީ ލީޑަރުންގެ ފަސްބައި ސާފުކޮށް ނެތުމެވެ. އަދި ސިޔާސީ މަބާދީތަކުގެ މައްޗަށް ހުނަރުވެރިކަން ލިބިފައިވާ ބަޔަކަށް އެފަދަ ފަރާތްތައް ނުވާހިނދު، ވެރިކަމުގެ ބޮޑު މަސްއޫލިއްޔަތާއި ހަވާލުވުމެވެ. އެކަމުގެ ސަބަބުން ޠަބިޢީ މިޒާޖުގައި ޤައުމީ ވާޖިބުތަކުގެ މައްޗަށް އިޚްލާސްތެރި ވުމުގެ ސިފަލިބިފައި ނެތުމެވެ. އެހެންމެ މިގައުމުގައި އުފެދުނު ބައެއް ރަސްރަސް ކަލުންނާއި، ޤާޟީންނާއި، ވެރިންގެ ކިބައިގާ ވެސް އިޚްލާސްތެރިކަން ރައްޔިތުންގެ މައްޗަށް ނެތުމެވެ.
އެހެންކަމުން، 4500 އަހަރަށް ދިގުދެމިގެން ދިޔަ މިރާއްޖޭގައި އޮތް ބޯދާ ޝާޙީ ވެރިކަމުގެ އުސޫލުތައް ބޮޑުވާ ބިއްލޫރި އަޅައިގެން ހޯދާ އިބްރަތް ޙާސިލްކޮށް، ހަރުދަނާ ވިސްނުމުގެ މައްޗަށް ދައުލަތުގެ ޤާނޫނުތައް ފަރުމާކޮށް، ބޯދާ އުސޫލުތަކުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ވާރުތަވީ ނުބައި އަސަރުތަށް ނައްތާ ލެއްވުމަށް މަސައްކަތް ކުރުމަކީ މިއަދު މުޅިއުއްމަތުގެ މައްޗަށް ވާޖިބުވެފައިވާ ކަމެކެވެ. ބޯދާ ވިސްނުމާއި، ކުރީގެ އުސޫލުތަށް ރަނގަޅުކަމުގައި ހެދުމަށް ވުރެ، ތަހްޒީބު ވިސްނުން ހިއްސާކޮށް، ޤާނޫނުތައް ޑުރާފްޓްކުރުން ވަރަށް މުހިއްމެވެ. ތަވާތޫރު ގޮތެއްގައި ރާއްޖޭގެ ތާރީޚީ ސަފްޙާތަކުގެ މައްޗަށް ނަޒަރު ހިންގާއިރު، ރާއްޖެ އިސްލާން ވުމަށް ފަހު ހިނގާދިޔަ 856 އަހަރުތެރޭގައި 83 ރަސްކަލުން ރަސްކަންކޮށް 3 ރައީސުން ޖުމުހޫރީ ވެރިކަން ކޮށްފައި ވާއިރު، އަދިވެސް ދިވެހިންގެ ވިސްނުން ހުރީ ކީރިތި މަހާރަދުންނަށް ސަނާކިޔާ ފިކުރުމަތީގައެވެ. މިހަގީގަތް ގަބޫލުކުރުމަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލް އުޖާލާ ކުރުމަށް އޮތް އެންމެ ރަނގަޅު މަގެވެ. ބޯދާ ޒަމާނުގައި މިރާއްޖޭގެ ކޮންމެ ރަށަކީ އެއްގައުމެވެ. އެވިސްނުމުގެ މަތީގައި ތިބެ ތީމަގޭ މަހަކަލި މިންޖާގެ ރަސްކަމުން ޖަލާލަތުލް މަލިކް މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމާއި، ނުވަތަ އަލް އުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމުގެ ވެރިކަމާއި ހަމަޔަށް އާއިރު، ވެސް ބޯދާ އުސޫލުތައް އައީ ފިޔަ ޖަހަމުންނެވެ. ހަގީގަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެއްބައެއްގެ ގޮތުގައި ޤަބޫލުކޮށް އެކުވެރި ބައެއްގެ ގޮތުގައި ފިރުކެންފެށީ ރާއްޖޭގެ ރައްޔިތުން އިސްލާން ދީނުގެ މަތިވެރި އަޤީދާ ގަބޫލުކުރި ހިސާބުންނެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް، ބަދަލުވަމުން ދިޔަ ދުނިޔޭގައި ދިވެހި މުޖުތަމަޢުގެ މައްޗަށް ހަރުދަނާ ގައުމީ ސިޔާސަތު ތަކެއްރާވާ، އެވިސްނުމުގެ މައްޗަށް ޤާނޫނުތައް ފަރުމާކޮށް، ގައުމީ ތަރައްގީގެ ނާރެހުގައި، ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ޤާނޫނުތައް ފަރުމާކޮށް، މުޅި ރާއްޖެ އިދާރީގޮތުން 4 ސަރަހައްދުގެ މައްޗަށް ބައިކޮށް، ދައުލަތުގެ ވަސީލަތްތައް ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ތަރުތީބުކޮށް، މުޅި ގައުމިއްޔަތު އެއްބައި ވަންތަ ކުރުމުގެ މައްޗަށް ޤާނޫނުތައް ފަރުމާކުރެވުނު ނަމަ، މިއަދު ރައްޖޭގެ ކަންކޮޅުތަކުން މިފެންނަ ބައިބައި ވުމުގެ ކުލަވަރު ނުފެންނާނެއެވެ. ނޫންނަމަ، އިހަށްދުވަހު ރާއްޖޭގެ ރަށްތައް އިދާރީގޮތުން އެއްކޮށްލުމަށް ނެގި ވޯޓްގައި ނޫނެކޭ ބުނުމުގެ އަސްލަކީ މިދެންނެވި ބޯދާ ފިކުރުތައް އަދިވެސް ދިވެހިންގެ ހިތްތަކުގައި ފިޔަޖަހަމުން ދާކަމުގެ ދަލީލެކެވެ. ވީހިނދު، މިއީ އަދުގެ ސަރުކާރު ފެއިލްވުން ހެއްޔެވެ؟ މިއަދު ވެސް އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގޮވަނީ ރަށަށް ކޮފޭށެވެ’ ކަލޭތީ ލާމު މީހެކެވެ’ ކަލޭތީ އައްޑޫ މީހެކެވެ ކަލޭތީ ހުވަދޫ މީހެކެވެ’ މިމޭރުމުންނެވެ. ވަކިމޮޅު ނުވަތަ މޮޅު ބަޔަކުތިބީ ކޮންރަށެއްގައި ހެއްޔެވެ؟ މައިގަނޑު ގޮތެއްގައި ދިވެހިންނަކީ ސައުތު އިންޑިޔާގެ ކަންޏާ ކުމާރީން، ރާއްޖެއަށް ހިޖުރަކުރި ދުބްލީ ނަސްލުގެ މީހުންނެވެ.
ތާރީޚީ ސަފްޙާތަކުން އެނގޭގޮތުގައި ޝާހީ ވެރިކަމުގެ ދަރުބާރު ހިންގެވީ ވެސް ރާއްޖޭގެ ކަންކޮޅުތަކުން މާލެއަށް ހިޖުރަކުރި ދަރިކޮޅުތަކެވެ. ހަގީގަތަކީ މިއީ ކަމުގައި ވީހިނދު، މަތީގައި ނަންގަނެވުނު ވިސްނުމާއި، ބޯދާ ފިކުރު ނައްތާލެވޭ ފަދަ ސިޔާސަތުގެ މައްޗަށް ފިސަހަރި ވަރުގަދަ އަށް ޤާނޫނުތައް ފަރުމާކޮށް، ރައްޔިތުން ހޭލުންތެރި ކޮށްގެން މެނުވީ، އިދާރީ ގޮތުން ރާއްޖޭގެ ރަށްތައް އެއްކޮށްލުމަށް ވޯޓްނެގުމަކީ ބޭކާރުކަމެއް ކަމުގައި އަޅުގަނޑުމެން ދެނެހުރީމެވެ. މިސާލަކަށް ބައްލަވާށެވެ! ހުޅުދޫ މީދޫގެ ތެރެއިން އިދާރީގޮތުން ދެރަށް އެއްކޮށް ލުމުގައި މީދޫގެ ލޮބުވެތި ގިނަ ރައްޔިތުންގެ ވިސްނުން ހުރި ގޮތް އެއޮތީ ފެންނާށެވެ! އެއީ އަދުގެ ސަރުކާރު ފެއިލްވުން ހެއްޔެވެ؟ ވީހިނދު، ރާއްޖޭގެ އެހެން ސަރަހައްދު ތަކުގެ ވިސްނުން މިކަމުގެ މައްޗަށް އޮންނާނެ މިންވަރު ތަޞައްވުރު ކޮށްލައްވާށެވެ’ ޔަގީނުންވެސް ރާއްޖެފަދަ ޖަޒީރާ ގައުމެއްގެ ކުރިއެރުން ގުޅިލާމެހިފައި ވަނީ އާބާދީ އެއްފަސްކޮށް، އިދާރީ ދާއިރާތައް މަދުކޮށް ގެންނެވެ. އިދިކޮޅު ފަރާތްތަކުގެ މެދުގައި މިހަގީގަތް ގަބޫލު ނުކުރެވެނީ ކޮންއުސޫލަކުން ހެއްޔެވެ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެ އިދާރީ ގޮތުން އެއްކޮށްލުމުގެ މައްޗަށް ކުރިމަތިވެގެން މިއުޅެނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުގެ މައްސަލައެއް ނޫނެވެ. ރައްޔިތުންގެ ހޭލުންތެރިކަން އޮތް ގޮތާއިމެދު ވެސް ކަންބޮޑުވުން އެބަހުއްޓެވެ. ބޯދާ ވިސްނުން ދޫކޮށް، އެކުވެރިކާއެކު، ގައުމު ތަރައްޤީ ކުރުމަށް ރައީސް ނަޝީދު ގެންދަވަނީ މަސައްކަތް ޕުޅު ކުރައްވަމުންނެވެ. އަދި އެމަސައްކަތުގައި ކާމިޔާބު ދެއްވާނޭ ކަމީ ޔަޤީން ކަމެކެވެ.