ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުއްވުމުގެ ޤަރާރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވައި، މިރަށްތައް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފި

14 އޮކްޓޯބަރ 2010

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅައި، އިޢްލާނުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރުމަށް، އެ ޤާނޫނުގައި ކަނޑައަޅާފައިވީހިނދު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުއްވުމުގެ ޤަރާރު، (ޤަރާރު ނަންބަރު: 15/2010) ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ނެރުއްވައި، މި ރަށްތައް ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ، 184 ރަށެކެވެ.
މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުއްވުމުގައި ބައްލަވާފައިވަނީ، އެންމެފަހުން ނެގުނު ވޯޓުގެ ނަތީޖާގެ ރޫޙަށެވެ. މުޅި އައްޑޫ، ސިޓީ ކައުންސިލަކަށް ހެދުމަށް ފެނޭތޯ އެއަތޮޅު މީހުންގެ މެދުގައި ނެގި ވޯޓުގައި އަޣްލަބިއްޔަތު ބުނެފައިވަނީ، ސިޓީ ކައުންސިލް ހަދަން ފެންނަ ކަމަށެވެ. އެހެންކަމުން، ސިޓީ ކައުންސިލް ހެއްދެވުމަށް އަޅުއްވަންޖެހޭ ފުރަތަމަ ފިޔަވަޅަކީ، މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓްގައި އައްޑުއަތޮޅުގެ ރަށްތައް ހިމެނުއްވުން ކަމަށްވާތީ، ރަށްތަކުގެ ލިސްޓްގައި، އެރަށްތައް ވަނީ އެގޮތަށް ހިމަނުއްވާފައެވެ.