މެންބަރުންގެ ޚިޔާލު: ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ.

14 އޮކްޓޯބަރ 2010

ލިޔުނީ: ފުނަމާ.

ދިވެހި ރާއްޖެ މިހާތަނަށްދުށް ލާމަސީލު ހިއްވަރުގަދަ އަންހެން ކަނބަލުންގެ ތެރެއިންވެސް އަރާހުންނެވި މާރިޔާ ދީދީ އެމްޑިޕީގެ އެތެރޭގެ ކޯޅުމެއް ބޮޑުވެގެން ޕާޓީއިން އިސްތިއުފާ ދެއްވިކަމުގައި ބުނުމުން އެވާހަކަ ގަބޫލުކުރާނީ ކިތައް މީހުންހެއްޔެވެ؟ ބަލަގަ ފިސާރި ސާބިތުކަމާއެކު އެމްޑިޕީއަށް އެކަމަނާގެ ޚިދުމަތް ބޭނުންވިދުވަހު ކެރިހުންނަވައިގެން މިހާތަނަށް ކޮށްދެއްވި ޚިދުމަތަކީވެސް އެމްޑިޕީ ދެމިއޮތްހާ ޒަމާނަކު އިޙްތިރާމްއާއިއެކު އެކަމަނާގެ ނަންފުޅު ހަނދާންކުރާނެ ކަމެކެވެ. އަދިބުނަންހެއްޔެވެ؟ އެމްޑިޕީގައި އެކަކުވެސް އޭނާގެ މަޤާމުގައި އޮޅުލައިގަނެގެން ރަކިސްބޮނޑެއްހެން ހުންނާކަށް ބޭނުމެއް ނުވާނެއެވެ. ޗެއަރޕާސަންގެ މަޤާމުން މިއަދު މާރިޔާ ފެޔަށް ޖެހިވަޑައިގަތަސް އެކަހަލަ އެތައް ސަތޭކަ މާރިޔާއެއް މާރިޔާ ދީދީގެ އަރިއަހުން ތަރުބިއްޔަތުވެގެން މިއެމްޑިޕީގައި މިހާރުވެސް ފުންނާބުކުރިޔަށް ބާރުލައިގެން އެބަތިއްބެވިކަން ހަނދާން ނައްތާނުލާށެވެ. ތިމާމެން ތިރީސްއަހަރު ވާންދެން ތެޅިބޭލިއިރު ކާށިފޮށްޗަކާއެކު ކާނެ މަސްކޮޅެއް ފަލަމަސްގަނޑުގައި ހުރިމީހަކު ނޫފެއްދުނަސް އެމްޑީޕީގެ ފުރަތަމަ ގޮވާލުމަކީވެސް ” އެކެއްގެ ކިބައިން އަނެކަކު ހިއްވަރު ލިބިގަތުން” ކަމުގައިވީއިރު އެކަކަށް ދޫނުކުރާނެ ކިތަންމެ ބަޔަކު މިޕާޓީގައި އެބަތިއްބެވެ. އަދިބުނަން ހެއްޔެވެ. ޗެއަރޕާސަންގެ މަޤާމަށްވެސް އެހެން މަޤާމަކަށްވެސް އެމްޑިޕީގައި އެންމެ ބޭފުޅަކު ވާދަކުރައްވަން އަތްއުރާލައިގެން ނުތިބެ ކެރިގެން ކުރިމަތި ލައްވާނެ ކިތަންމެ ޤާބިލް ބަޔަކު މިޕާޓީގައި އެބަތިއްބެވިއެވެ. އަދި މިޕާޓީގައި ވޯޓުލާނީކީވެސް މުށިބުދެއްގެ އތްތިލަޔަށް ބަލައިގެންނެއް ނޫނެވެ. ތިރީސް އަހަރު ދިވެހީންގެ ލޭބޮއެގެން މަސްކައިގެން ތިބި މީހުންނޫނީ މިގައުމުގެ ވެރިކަމަށް ކުފޫހަމަނުވާނެ ކަމުގައި އެހައްދުވަހު ގޮވައިއުޅެނިކޮށް ” ޖެހިބާރުމިނުގައި އަނބުރައި ބުޑަށް” ވަދެފައިވާކަން އަދިވެސް ހަމަނޭނގެނީހެއްޔެވެ؟ ވާނީވެސް އެހެންތާއެވެ. ގަމާރުންނޭ ކިޔަނީކީވެސް ވަނަމަކަށް ނޫނެވެ.

މިޤައުމުގައި ތިމާމެންގެ ވެރިކަން އޮތްދުވަހު ލޭއޮހޮރުވައި އަންހެނުން ހުވަފަތްކޮށް ކުދިޅަދަރީން ޔަތީމުކޮށް މުސްކުޅީންނާއި ނުކުޅެދޭ މީހުން ގެންގޮސް ރަށެއްގެ ވަލުތެރޭގައި ބައިތިއްބައިގެން ގިލިގިލި ކޮށްޓައި ނަށްޓުވައި ސުންނާފަތި ކުރުވިކަން މިގައުމުގެ މިހުންނަށް ނޭނގެނީހެއްޔެވެ؟ ތިރީސް އަހަރުން ހެދިޔޭ ބުނާ ބަނދަރުތައް ހަލާކުވެފަ ހުރިވާހަކަޔާ އެތަންތަން ހަދައި ނުދީގެން ހަޅޭއްލަވަނީ މިހާރު ސިޔާސީކަން ބޮއްސުންލައި ސިޔާސަވެގެން އުޅޭ ޕާޓީގެ މީހުންނެވެ. ތިމާމެންގެ އެބުނާ ރަންޒަމާނުގައި އެޅިޔޭ ބުނާ ސްކޫލުތަކުގައި ޖާގަނެތޭ ގޮވަނީވެސް ހަމަ އެމީހުންނެވެ. ތިމާމެން ބޯޑުބަދަލުކުރި ސިއްހީ މަރުކަޒުތަކުގައި ފަރުވާއެއް ދެވޭނެ ސާމާނު ނެތްވާހަކަ މިގޮވަނީވެސް ހަމަ ތިމާމެންނެވެ. މުޅި ގައުމުގައި ގުންޑާ ރާޖު އުފައްދައި މަގުމަތީގައި މަސްތުވެފައިވާ ހާލު ޒުވާނުން އުކާފައި ބައިތިއްބި މީހުން މިއަދު އެވާހަކަ ދެއްކުން ތާހިރުކަމުގައި ދެކުނަސް ހަމަހޭ ސަލާމަތުން ހުރި ކޮންމެމީހަކު އެޖަހަނީ ޖޯކެވެ.

ބުއްދިވެރީންނަކީ ލިބޭފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ކުރާމީހުންނެވެ. ކިތަންމެ ބޮޑު ފާފަވެރިޔަކަށްވެސް ތައުބާވާނެ ފުރުސަތު ދެއްވާފައިމެނުވީ މިދުނިޔޭން ވަކިނުކުރައްވާ ކަމުގައި އިލްމުވެރީން ބުނެއުޅެއެވެ. އެކަމަކު ތިމާގެ ވެރިކަމުގައި އެތަކެއް ސަތޭކަމީހުންނެއްގެ މަރުގެ ތުހުމަތު ބޮލުގައި އެޅިފައި މުޅިގައުމުގެ މުއްސަނދިކަން ތިމާގެ ދެބާސްކީއްޔަށް ޖަހައިގެން އުޅެޔޭ ބުނާ މުސްކުޅި އަޖޫޒަކު މިއަދު އެކުރެވުނު ކުށްތަކުން ތައުބާވެ އަނެކުންގެ ހައްޤުތަކަށް އަރައިގަނެވެފައި ވާތީވެ މާފަށް އެދި ބާކީއޮތްދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށް ލިބުނު ފުރުސަތުވެސް ދޫކޮށްލައި ތިމާގެ އަނިޔާވެރިކަމުން ފުރޮޅުލީ ގޮނޑިޔެއްގައި ޙަޔާތުގެ ފަހުބައި ގުނާން ޖައްސާފައިވާ ތިމާޔައްވުރެ މުސްކުޅިޔަކު ގޮވައިގެން ޝަރީއަތަށް ދާންއުޅޭ ވާހަކަ އިވުމުން ދެން ފިރުއައުނަށްވުރެވެސް ނުބައިވެއްޖެދޯއެވެ. އެފަކީރުވެސް މަރުކުރިމަތީން ފެނުމުން ޝަހާދަތް ކިޔޭތޯ އުޅުނު ވިއްޔާއެވެ.

ރައީސް ނަޝީދަށް ދަންނަވަން އޮތީ މަނިކުފާނު ކިތަންމެ ވަރަކަށް އޮފުކުރައްވާން އުޅުއްވިޔަސް އެބޭގެ ޚަސީލަތެއް ބަދަލެއް ނުކުރެއްވޭނެއެވެ. އެއީއަކީ މިގައުމުގެ ތިރީސްއަހަރުގެ އަނިޔާވެރި ވެރިކަން ނެތިކޮށްލެއްވިހެން ނިންމާލެވެން އޮތްކަމެއް ނޫނެވެ. އެބޭގެ ކަށީގައި ހިފާފައި އެހުރި ފިރުއައުނު ވަންތަކަން އެއީކީ މިއަދަކުއިއްޔެއަކު ވާރުތަވީ ކަމެއްނޫނެވެ. ފިސާރި ކެރިވަޑައިގެން ރައްޔުތުންގެ އަދާލަތަށް ނުވަތަ ބައިނަލް އަޤްވާމީ ޖިނާއީކޯޓާ އެބޭ ހަވާލުކުރައްވާށެވެ. ކިތަންމެ މުސްކުޅިވެފައި އޮތަސް ސިންގާއެއް ގޭދޮރުމަތީގައި ބާއްވާފައި އޮތިއްޔާ ހަމަލާނުދޭނެކަމަށް ހީކުރައްވައިގެން ނުވާނެއެވެ. މަނިކުފާނުން ކިތަންމެ މަސައްކަތެއް ކުރެއްވިޔަސް އެއަނިޔާވެރިޔާގެ ކިބައިން ފަސާދަޔާ ޣައިރަތްތެރިކަން މެނުވީ ނުފެންނާނެއެވެ. އާދޭހެވެ ކިތަންމެވަރަކަށް މުށުތެރޭގައި ފޮރުވައިގެން ދޮންކުރިޔަސް ދުނބުރިޔެއް އަނބަކަށް ނުވާނެއެވެ.