ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީގެ މައްސަލަތަކަށް ގޮތެއް ނިންމުމަށް ޤައުމީ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފި

ފަރެސްމާތޮޑާގެ ދާއިރާގެ ވޯޓުފޮށިތަކުގެ މައްސަލަ ތަކުރާރުކޮށް ކެންޑިޑޭޓުން ކުރަމުންދާތީ، މި މައްސަލަތަކަށް ޤައުމީ މަޖިލީހުން ގޮތެއް ނިންމުމަށް، ޕާޓީގެ ޗެއާޕާސަނަށް ހުށަހެޅުމަށް އެމްޑީޕީ މަޖިލިސް ޕްރައިމަރީއާގުޅޭ ޝަކުވާ ކޮމިޓީން ނިންމައިފިއެވެ.
ވޯޓު ލީ ދުވަހު، 48 ފަރާތަކުން ގދ.ރަތަފަންދޫގައި ވޯޓު ކަރުދާސް ފާޅުގައި ދެއްކިކަމަށް ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓް، ޢަލީ ޝާމް، ޝަކުވާ ކޮމިޓީއަށް ހުށަހެޅުމުން، މި މައްސަލަ ބެލެން ނެތްކަމަށް ކަނޑައަޅާފައި ވަނިކޮށް، ދާއިރާގެ އެހެން ކެންޑިޑޭޓުންކަމުގައިވާ ޙަމްދޫން ޢަބްދުﷲ އާއި ފަރީޝާ ޢަބްދުﷲވެސް މި މައްސަލައާއި އަދި އެހެން މައްސަލަތަކެއް އިތުރު ހެއްކާއެކު ހުށަހަޅާފައިވެއެވެ.
ފަރީޝާ ޢަބްދުﷲއާއި ޙަމްދޫން އަޙްމަދު، ވަކިވަކިން ކުރެއްވި ޝަކުވާގައި ވިދާޅުވާ ގޮތުގައި، ވޯޓަކީ ސިއްރު ވޯޓެއްކަމުގައިވީ ނަމަވެސް، ރަތަފަންދޫގައި ވޯޓުލީ ބައެއްފަރާތްތަކުން ވޯޓުކަރުދާހުގައި ފާހަގަލުމަށްފަހު އެ ވޯޓު ކަރުދާސް ވޯޓުލާ މަރުކަޒުގެ ބޭރުގައިތިބި ފަރާތްތަކަށް ދައްކައިފައިވެއެވެ. މިކަން މިހެން ހިނގަމުން ދިޔަނަމަވެސް އެކަން ވަނީ ނުހުއްޓުވި ކަމަށެވެ. އަދި ރަތަފަންދޫގައި ބެހެއްޓިފައިވާ ފޮށްޓައް ލައިފައިވާ ޥޯޓެއް ނަގައި، ވޯޓު ކަރުދާސް ވީދާލުމަށްފަހު އަލުން އިތުރު ކަރުދާހެއް ހޯދައި ވޯޓުލައިފައިވާ ކަމުގައިވެސް ޝަކުވާވެރިން ވިދާޅުވެއެވެ.
އަދި މާލޭގައި ވޯޓުލީ މަރުކަޒު ކަމުގައިވާ އަމީނިއްޔާ ސްކޫލުގެ ކްލާސް 6ޑީ ގައި ހުރި ފޮށްޓަށް، ގަދަވެ ސަލާމަތުން ހުރި މީހަކުގެ ވޯޓު، އެހެން ފަރާތަކުން ލުމާއި ދެމީހެއްގެ ވޯޓުގައި އެކަކުފާހަގަ ޖެހުމުގެ މައްސަލަވެސް ޙަމްދޫން ޢަބްދުﷲ ހުށަހަޅާފައިވެއެވެ. އަދި ކޮމިޓީއަށް ބަޔާން ދެއްވި ފަރާތަކުން ވިދާޅުވެފައިވަނީ، ވޯޓުގެ ކުރީ ދުވަހު، ރަތަފަންދޫގެ ގޭބިސީތަކަށް 5000/- ރުފިޔާގެ މަގުން، އެހެން ޕާޓީތަކުން ބަހާފައިވާކަމަށާއި، ވަކި ކެންޑިޑޭޓެއް ހޮވުމަށް އެހެން ޕާޓީތަކުން 6 ލައްކަ ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ.
މި ކަންކަން މިހެން ހުރުމުން، ޝަކުވާ ކޮމިޓީން ނިންމާފައިވަނީ، މި މައްސަލަތަކަށް ގޮތެއް ނިންމައި، ދާއިރާއިން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުކަމުގައިވާ ފަތުޙުﷲ އަޙްމަދުގެ ކެންޑިޑަސީ ބާޠިލު ކުރުމަށް ނުވަތަ ވޯޓު އަލުން ނެގުމަށް ޤައުމީ މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި މި މައްސަލަ އެ މަޖިލީހަށް، ޗެއާޕާސަން މެދުވެރިކޮށް، ހުށަހެޅުމަށެވެ.

ޝަކުވާގެ އެންމެ ފަހުގެ ނިންމުންތައް