ތަޢްލީމީ ފަންޑަކީ މިހާރަށްވުރެ މާ ފުޅާކުރެވެން އޮތް ފަންޑެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

14 އޮކްޓޯބަރ 2010

thauleemee-fund

ތަޢްލީމީ ފަންޑަކީ ވަރުގަދަކޮށް ބާރަށް ހިންގެން އޮތް، އަދި މިހާރަށްވުރެ މާ ފުޅާކުރެވެން އޮތް ފަންޑެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ހެނދުނު 369 ނަންބަރު ކޮށީގައި ބޭއްވުނު ތަޢުލީމީ ފަންޑުން ޓީޗަރުންނަށް ޢިމާރާތްކުރާ 10 ބުރި ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތަޢްލީމީ ފަންޑަށް އެހެން ގޮތްގޮތުން ފައިސާ ހޯދޭނެ އެކިއެކި ނިޒާމު، އެފަންޑްގެ ތެރެއަށް އަޅުގަނޑުމެން ގެންނަން އެބަޖެހެއެވެ. މާލިއްޔަތުގެ ޤާނޫނުގެތެރެއިންވެސް އަދި މާލިއްޔަތު ޤާނޫނަށް އިޞްލާޙު ގެންނަން ޖެހެންޏާ ގެނެސްގެންވެސް،އަޅުގަނޑުމެންނަށް ޓީޗަރުންނަށް އަދި ތަޢްލީމަށް ޚަރަދު ކުރެވެން ހުރި ހުރިހާ ގޮތަކަށް ޚަރަދު ކުރެވޭތޯ ބެލުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޓީޗަރުންގެ މުހިންމު ކަމުގެ މައްޗަށާއި ޓީޗަރުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ޓީޗަރުންގެ މުހިންމު ކަމަކީ ރާއްޖޭގައި އެއްވެސް އިރެއްގައި އޮޅިފައި އޮތް ޙަޤީޤަތެއް ނޫން ކަމަށް ވިދާޅުވެ، މުޖްތަމަޢު ބިނާކުރުމުގެ ބިންގާ އަޅައިދޭ ބަޔަކީ ޓީޗަރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެންނަށް ޓީޗަރުންގެ މުހިންމުކަން ވިސްނޭއިރު، ޓީޗަރުންވެސް، ދަރިވަރުންނާއި މުޖްތަމަޢާއި ޤައުމާ ގުޅޭގޮތުން ވިސްނަވާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެ މިވަގުތު މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުންކަމަށާއި، މިބާވަތުގެ ބަދަލެއް އަންނަމުންދާއިރުގައި ނުފެނިނުދާނެ މަންޒަރުތަކެއް ފެންނަމުންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. “އެ މަންޒަރުތަކުގެ ތެރެއިން ދަރިވަރުންނަށް ބޮޑު މަންޒަރު ކުރަހައިދޭން ޖެހޭނީ ޓީޗަރުން”، ރައީސް ވިދާޅުވިއެވެ.
ތަރައްޤީގެ މަގުގައި ކުރިއަށްދެވޭނެ ގޮތްތައް ދަރިވަރުންނަށް ފެންނަންޖެހޭނެ ކަމަށާއި، އަޅުގަނޑުމެންނަކީ ކުރިއަށް ބަލާ ބަޔަކަށްވާންޖެހޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ތަޢުލީމީ ފަންޑުން ޓީޗަރުންނަށް ޢިމާރާތްކުރާ 10 ބުރި ޢިމާރާތުގެ ބިންގާ އަޅައިދިނީ ޢަރަބިއްޔާ ސްކޫލްގެ ގްރޭޑް 1ގެ ދަރިވަރު މަނާފް އަޙްމަދާއި، ޢިމާދުއްދީން ސްކޫލްގެ ގްރޭޑް 1ގެ ދަރިވަރު ޢާއިޝަތު ނައުޝީން ޝިމާޒެވެ.