ހޮޅުދޫ ދާއިރާއާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނުމަށާއި ފުވައްމުލަކު ދެކުނު ދާއިރާގެ މައްސަލަ އިތުރަށް ބެލުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީ ވީ ހުކުރުދުވަހު ބޭއްވި ޕްރައިމަރީގެ ފަހުން ހުށަހަޅާފައިވާ 8 ޝަކުވާއެއް ބެލުމަށްފަހު، 2 ދާއިރާގެ ފޮށިތައް އަލުން ގުނުމަށާއި، 1 ދާއިރާއެއްގެ މައްސަލަ އިތުރަށް ބެލުމަށާއި، 5 މައްސަލައެއް ބަލާނެތަނެއް ނެތްކަމަށް ޕްރައިމަރީއާގުޅޭ ޝަކުވާ ކޮމިޓީން ނިންމައިފިއެވެ.
މިގޮތުން، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގު ނުހަނު ހަނިކަމުން ހޮޅުދޫ ދާއިރާއާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނުމަށް ނިންމިއިރު، ފުވައްމުލަކު ދެކުނު ދާއިރާގެ ދެ ކެންޑިޑޭޓުންގެ ދެމެދުގައިވާ ފަރަޤަކީ 24 ވޯޓުކަމުގައިވާތީ، ރީރެޖިސްޓްރޭޝަންގެ ކިތައް މައްސަލަ ކެންޑިޑޭޓުން ހުށަހެޅިތޯ ބެލުމަށްފަހު، ގޮތެއް ނިންމުމަށް ކޮމިޓީން ނިންމާފައިވެއެވެ.
މައްސަލަ ބެލުމަށް ތަނެއް ނެތްކަމަށް ކޮމިޓީން ނިންމި މައްސަލަ ތަކަކީ:
1. ވޯޓުލާން ނުދާމީހުން ވޯޓުލީކަމަށް ބުނާ ކެންދޫ ދާއިރާގެ މައްސަލަ: އެންމެ ގިނަ ވޯޓު ލިބުނު އަހްމަދު ލަޠީފަށް 268 ވޯޓު ލިބިފައިވާއިރު، ޢަބްދުލްމުޙްސިން އަބޫބަކުރަށް ލިބުނީ ޖުމްލަ 8 ވޯޓުކަމުގައިވާތީ، މި މައްސަލައިގެ ސަބަބުން ނަތީޖާއަށް ބަދަލު ނާންނާނެތީ، މައްސަލަ ބެލެނޭ ތަނެއް ނެތްކަމަށް
2. ޑަބަލް ވޯޓުލީކަމަށް ބުނާ ހިތަދޫ ދެކުނު ދާއިރާގެ މައްސަލަ: އެންމެ ގިނަ ވޯޓު ލިބުނު އިބްރާހީމް ނާޒިލަށް 830 ވޯޓު ލިބިފައިވާއިރު، ޢަލީ ނިޒާރަށް ލިބުނީ ޖުމްލަ 627 ވޯޓުކަމުގައިވާތީ، ދެ ކެންޑިޑޭޓުގެ ދެމެދުގައިވާ ފަރަޤަކީ 203 ވޯޓުކަމަށްވީއިރު، މި ޝަކުވާތަކަށް ބަލާފައި 68 ވޯޓު (65+2+1)، ބާޠިލުކުރިއަސް 135 ވޯޓުގެ ތަފާތަކުން އިބްރާހީމް ނާޒިލު ކުރިހޯދައި، ނަތީޖާއަށް ބަދަލުނާންނާނެތީ، މައްސަލަ ބެލެނޭ ތަނެއް ނެތްކަމަށް
3. ވޯޓުލާން ނުދާމީހުން ވޯޓުލީކަމަށް ބުނާ ކަނޑިތީމު ދާއިރާގެ މައްސަލަ: ށ.ބިލެއްފަހީގެ ފޮށީގެ ވޯޓުލުން ކުރިއަށް ދިޔައީ ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޟިރުގައިކަމަށް ވެފައި، ވޯޓުލާން ދިޔަ ކޮންމެ މީހެއްގެ ނަން އަޑުހަރުކޮށް އިޢުލާނުކޮށްފައިވީއިރުވެސް، ކެންޑިޑޭޓުގެ މަންދޫބު އިޢުތިރާޟްކޮށްފައެއް ނެތެވެ. އަދި މި މައްސަލަ ފެންމަތިކުރީ ފޮށި ބަންދުކުރަން 2 މިނެޓަށްވަފައިވަނިކޮށް، އެ ކަމެއް ހިނގިތާ އެތައް އިރެއް ފަހުންކަމުގައި ވެފައި، އެ ކަމެއް ހިނގިއިރު އެކަން ފާހަގަކޮށްފައިނުވާތީ، އަދި އިސްވެރިޔާގެ ސަމާލުކަމަށް މި މައްސަލަ ގެނައުމުން، އެނާ މި މައްސަލަ ބެއްލެވިއިރު، ހެކި ފެނިފައި ނުވާތީ، މައްސަލަ ބެލެނޭ ތަނެއް ނެތްކަމަށް
4. ވޯޓު ކަރުދާސް ދެއްކިކަމަށް ބުނާ ފަރެސްމާތޮޑާ ދާއިރާގެ މައްސަލަ: އެންމެ ގިނަ ވޯޓު ލިބުނު ފަތްޙުﷲ އަޙްމަދަށް 289 ވޯޓު ލިބިފައިވާއިރު، ޢަލީ ޝާމަށް ލިބުނީ ޖުމްލަ 245 ވޯޓުކަމުގައިވާތީ، ދެ ކެންޑިޑޭޓުގެ ދެމެދުގައިވާ ފަރަޤަކީ 44 ވޯޓުކަމަށްވާތީ، ދައްކައިގެން ވޯޓުލީކަމުގައި ކަށަވަރުވާ 4 މީހުންގެ ވޯޓު އުނިކުރިއަސް، ޢަލީ ޝާމަށް ކުރި ނުލިބޭނެތީ، މައްސަލަ ބެލެނޭ ތަނެއް ނެތްކަމަށް
5. ހަރުގޭގައި ވޯޓު ލީކަމަށް ބުނާ ކާށިދޫ ދާއިރާގެ މައްސަލަ: 17 ޖަނަވަރީ 2019 ގައި، ހުރިހާ ކެންޑިޑޭޓުން އެއްބަސްވާނަމަ އިސްވެރިޔާއަށް އެރަށެއްގެ ހަރުގޭގައި އިންތިޚާބު ބާއްވަން ނިންމިދާނެކަމަށް އެމްޑީޕީން އިޢުލާނުކޮށްފައިވެއެވެ. ކާށިދޫ ފޮށީގެ އިސްފަރާތާއި ގާފަރު ފޮށީގެ އިސްފަރާތް ވިދާޅުވަނީ ހަރުގޭގައި ބާއްވަން އެއްބަސްވެފައިވަނީ، ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ ރުހުމާއެކުގައި ކަމަށެވެ. ވީމާ މައްސަލަ ބެލެނޭ ތަނެއް ނެތްކަމަށް

21 ޖެނުއަރީ ގައި އަޕްޑޭޓް ކުރެވިފައިވާ ޝަކުވާގެ ނިންމުންތައް