އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން ނެރޭ ނޫސްބަޔާން

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިނުލެއްވޭނޭގޮތް ހެއްދެވުމަށްޓަކައި ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕް ގެ ޖުމްހޫރީ ޕާރޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުލްލަތީފު މުޙައްމަދު، ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް މަޖިލީހަށް އިސްލާޙެއް ހުށަހަޅުއްވައި، އަދި އެ އިސްލާޙު އަނބުރާ ނަންގަވާފައި ނުވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ ގެ ޕާރލަމެންޓްރީ ގްރޫޕުން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ޝަރުތުތަކުން ބޭރުން އިތުރު ޝަރުތުތައް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ހުށަހެޅުމެކެވެ. އަދި އެއީ ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތްކުރުމަށް އޮންނަ އެންމެހައި އުސޫލުތަކާ ވެސް ޚިލާފު ޢަމަލެކެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިނުލެއްވޭނޭގޮތް ހެއްދެވުމަށްޓަކައި ޖުމްހޫރީ ޕާރޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުލްލަތީފު މުޙައްމަދު ހުށަހެޅުއްވުމުގެ ބޭނުމަކީ މި ޕާރޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނޭކަން އިޢުލާނުކުރައްވައި ކޭމްޕޭންކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އަމާޒުކޮށް ފުރައްސާރަކުރެއްވުމަށްކަމަށް ދެކެމެވެ. އަދި އެއީ ނިމިދިއަ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް އެ މެމްބަރާމެދު ހިންގެވި ޢަމަލުތަކެއްގެ ޝިކާރަކަށްވެވަޑައިގަތުމަށް ފަހު، ހިންދެމިލެއްވުމާއެކު އެހެން މީހުންގެ ސިޔާސީ ޙައްޤުތަކަށް އަރައިގަތުމަކީ މައްސަލައެއް ނޫންކަމަށް ދެކެވަޑައިގަންނަވާތީ ޢަބްދުލްލަތީފު މުޙައްމަދު ހިންގެވި ދަށުދަރަޖައިގެ ފިނޑި ޢަމަލެއްކަމަށް ވެސް ދެކެމެވެ.

އެހެންކަމުން، މި ޕާރޓީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކުރައްވައިގެން ޤާނޫނުއަސާސީއާ ޚިލާފަށް ހުށަހަޅުއްވާފައިވާ އެ އިސްލާހު އަނބުރާ ނެންގެވުމަށް ގޮވާލާހިނދު، ޖުމްހޫރީ ޕާރޓީގެ ލީޑަރޝިޕުން އެކަމުގައި އިސް ދައުރެއް އަދާކުރައްވައި އެކަން ކަށަވަރުކޮށްދެއްވުމަށް ވެސް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ގޮވާލަމެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގެ ގުޅުމަށް އަރައިފާނޭ ބުރުލަކާ މެދު ވިސްނާވަޑައިގަތުމަށާއި މަސްލަޙަތު ނުގެއްލޭނޭގޮތަށް ޢަމަލުކުރެއްވުމަށް ވެސް އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕް