އައްޑުއަތޮޅު ސިޓީއެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ.

14 އޮކްޓޯބަރ 2010

ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު /ފޮޓޯ ރައީސް އޮފީސް
ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު /ފޮޓޯ ރައީސް އޮފީސް

ލާ މަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިދާރީ ދާއިރާތައް ކަނޑައެޅުމަށް ރާއްޖޭގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިޢާޔަތް ކުރައްވައި، އައްޑުއަތޮޅަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ. “ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ވަރަށް ސާފުކޮށް ދައްކާފައި އޮތީ އެއަތޮޅުގެ ރައްޔިތުން، ސިޓީއެއްގެ ގޮތުގައި ތަރައްޤީވާން ބޭނުންވާ ކަމުގައި” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލާ މަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަޝްވަރާތަކެއް، ސަރުކާރާއި ދިވެހި ރައްޔިތުންގެ ޕާޓީއާއެކު ކުރެވިފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން 17 އޮކްޓޯބަރއަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަކީ ކޮބައިތޯ ކަނޑައެޅުމުގެ ފަހު ސުން މިނެޓް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް، އިދާރީގޮތުން ލޯކަލް އިންތިޚާބު ބޭއްވެން އޮތް އެންމެ އަވަހަކަށް އެ އިންތިޚާބު ބޭއްވެވުމަށް ސަރުކާރުންވެސް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބޭއްވުނު ޚިޔާލު ހޯދުމުގެ ވޯޓަކީވެސް، ބޭކާރު ވޯޓެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، ޑިމޮކްރަސީއެއް ހަރުދަނާކޮށް، ބިނާކުރުމުގައި ވޯޓްގެ ހަރަކާތް އެއީ، ބޭކާރު ކަމެއްގެ ގޮތުގައި ބެލެވިގެން ނުވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަށްތައް އެއްކުރުމަކީ، އެންމެ ބުއްދިވެރިގޮތް ކަމަށް ސަރުކާރުން ދެކެވަޑައިގެންނެވި ކަމުގައިވިޔަސް، ރައްޔިތުންނަށް މިކަމުގައި ވަކި ގޮތަކަށް ފެނިވަޑައިގަންނަވާ ކަމުގައި ވަނީވިއްޔާ ސަރުކާރުން އެކަމަކަށް އިންކާރު ނުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. “އަޅުގަނޑުމެން މަސައްކަތްކުރަން މިޖެހެނީ އަޅުގަނޑުމެން ބޭނުންހާ ގޮތަކަށްނޫން. އަޅުގަނޑުމެން މަސައްކަތްކުރަންޖެހެނީ ރައްޔިތުން އެދޭގޮތަށް. ރައްޔިތުން އެކަމަކާ ގުޅިގެން ވަކި ގޮތަކަށް ނިންމީމަ ވޯޓް ބަދަލުކުރާކަށްވެސް އަޅުގަނޑުމެން ނޫޅޭނަން. އަދި ވޯޓްލަމުންދާއިރުގައި އަޅުގަނޑުމެން އިތުރު ގޮތްގޮތް ހަދާ ނުފޫޒުފޯރުވާކަށްވެސް އަޅުގަނޑުމެން ނޫޅޭނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.