ރައްޔިތުންގެ މަޖިލީހަށް ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓުން އިންތިޚާބުކުރުމަށްޓަކާ ބާއްވާ ޕްރައިމަރީ 2019އާ ގުޅޭ ގޮތުން މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީހަށް ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓުން އިންތިޚާބުކުރުމަށްޓަކާ ބާއްވާ ޕްރައިމަރީ 2019އާ ގުޅޭ ގޮތުން މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވައިފިއެވެ. މި ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވީ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު މުޙައްމަދު އިބްރާހިމް މަނިކެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން، ޕްރައިމަރީ އިންތިޚާބު އޮންނާނީ 18ކުރިން ވެސް އިއުލާންކުރެވިފައިވާ ފަދައިން ޖެނުއަރީ 2019 ވާ ހުކުރު ދުވަހު ކަމަށާ، ރާއްޖޭގެ އެކި ހިސާބުގައި 270 ވޯޓު ފޮށި ބެހެއްޓޭނެކަމަށް ވިދާޅުވިއެވެ. އަދި މިއިންތިޚާބުގައި 279 ކެނޑިޑޭޓުން ވާދަކުރައްވާ ކަމަށާ، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 86،091 ޕާޓީގެ ދަފްތަރުގައި ހިމެނޭކަމަށް ވިދާޅުވިއެވެ.
ޕްރައިމަރީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ހުރިހާ މައުލޫމާތެއް އާއްމުންނާ މީޑިޔާއާ ހިއްސާކުރެވެމުންދާކަމަށް ނައިބު ރައީސް ޝިފާޒް ވިދާޅުވިއެވެ. އެގޮތުން ލިސްޓުވެސް ލައިވްކޮށް ހިއްސާކުރެވިފަވާކަމާ، އޮފިޝަލުންނާ އޮބްޒަރވަރުންނަށްވުމަށްވެސް ވެބްސައިޓުގެ އޮންލައިން ފޯމެއްގެ ޒަރީއާއިން ފުޅާކޮށް ފުރުސަތު ހުޅުވާލާފައިވާކަމާ، ކޮންމެ ދާއިރާއެއްގެ ވޯޓު ފޮށްޓާ ހަވާލުވާނެ ފަރާތްތަކުގެ މައުލޫމާތުވެސް އާއްމުކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކަށްވެސް ފޮޓޯޖެހި ފާހެއް ތައްޔާރުކުރެވޭ ކަމާ، ވޯޓުލުމުގެ ހުރިހާ ކަމެއްވެސް މެންބަރުންނަށް އިތުބާރުކުރެވޭ ގޮތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. މިއިންތިޚާބުގެ ނަތީޖާއަށް ޕާޓީން ފުރިހަމައަށް އިހްތިރާމްކޮށް، މެމްބަރުންގެ ނިންމުމާއެކު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާނެކަަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށް ޕާޓީގެ ނައިބު ރައީސް ޝިފާޒް އެރުވިއެވެ.
މިޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެވިފައިވާ ގޮތުގައި މާލޭގެ ދަފްތަރު ލިސްޓު އާއްމުނުކޮށް މަޑުކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިހަފްތާ ކުރީކޮޅު މާލެ ދަފްތަރު ލިސްޓު ފައިނަލް ކުރައްވާނެކަމަށް ވިދާޅުވެފަ އޮތުމުންނެވެ. ނަމަވެސް އަދިވެސް އީސީއިން މާލެ ދަފްތަރު ލިސްޓް ފައިނަލް ކުރައްވާފައިނުވާތީ، ކުރިންވެސް ޕާޓީން ބަލާފައިވާ ގޮތަށް އީސީއިން ނެރެފައިވާ ރިޕޯޓުގައިވާ ގޮތަށް މާލެ ދަފްތަރު ހިމަނާ މިހާރު އާއްމުކޮށްފައިވާނެއެވެ.
އިލެކްޝަންސް ކޮމިޓީގެ މުޤައްރިރު މަނިކް ވިދާޅުވި ގޮތުގައި ރީރަޖިސްޓްރޭޝަންގައި ބަލާފައިވަނީ 2018ގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ ތަނަކަށެވެ. އަދި ވަރަށް އަވަހަށް ވޯޓުލާ ހުރިހާ މަރުކަޒެއްގެ ތަފްސީލް އާއްމުކުރެވޭނެއެވެ. މާލޭގައި ހުންނަ ފޮށިތަކަށް 23،000 އަށްވުރެ ގިނަ މެންބަރުން ވޯޓުލާ ލިސްޓުގައި ހިމެނިފައިވާ ކަމަށާ، މިހެންކަމުން މާލޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމާ، މިމައުލޫމާތުތައް މިއަދު ހިއްސާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.