ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މަޖިލިސް އިންތިޚާބުގައި ކުރިމަތި ނުލެވޭގޮތަށް ހުށައަޅާފައިވާ އިސްލާހާއި ގުޅޭގޮތުން އެމްޑީޕީން ޕްރެސް ކޮންފަރެންސެއް ބާއްވައިފި

ރާއްޖޭގެ ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން 14 ޖެނުއަރީ 2019ގައި ރައްޔިތުންގެ މަޖިލީހުގެދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ގުޅޭ ގޮތުން މިއަދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ޕްރެސް ކޮންފަރެންސެއް ބާއްވައިފިއެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާ، ޗެއަރޕަރސަން އަލްއުސްތާޛް ހަސަން ލަތީފާ، ޗެއަރޕަރސަންގެ ނައިބުން އަލީ ނިޔާޒާ އަޙްމަދު އަބްދުﷲ، އަދި ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛް އަނަސް އަބްދުލް ސައްތާރު ބައިވެރިވެވަޑައިގެންފައިވެއެވެ. ޕްރެސް ކޮންފަރެސްގައި ޕާޓީން ހާމަކޮށްފައިވަނީ މިއިސްލާހަކީ ކަނޑައެޅިގެން ޤާނޫން އަސާސީއާ ޚިލާފް އިސްލާހެއްކަމަށާ، ރައްޔިތުންގެ މަޖިލީހުން މިއިސްލާހު ބަލައިގަނެގެންވާނެ ކަމަށްވެސް ނުދެކޭކަމަށެވެ. އަދި މިއިސްލާހު ހުށަހަޅުއްވާފައިވަނީ ކޯލިޝަނަށް ނިސްބަތްވާ މަޖިލީސް މެމްބަރަކަށް ވީތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިއީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ އިސްލާހެއްކަމަށާ، އެފަދަ ގޮތަކުން ރައީސް ނަޝީދަށް ވާދަނުކުރެއްވޭނެ ގޮތް ނެހެދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޕާޓީގެ މެމްބަރުންނަށް އަރުވާކަމަށް އެބޭފުޅުން ވިދާޅުވިއެވެ.