ސިޓީތައް ފިޔަވައި އެހެން ރަށްރަށުގެ ވޯޓުފޮށިތަކާ ޙަވާލުވާ ފަރާތްތައް ޢާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީ ވާ ހުކުރުދުވަހު ބާއްވާ ޕްރައިމަރީގެ ވޯޓުފޮށިތަކާ ޙަވާލުވާ ގިނަ ފަރާތްތައް ޕާޓީން އާންމުކޮށްފިއެވެ. ރާއްޖޭގެ ސިޓީތަކުގައި ބަހައްޓާ ފޮށިތައް ފިޔަވައި އެހެން ރަށްރަށުގައި ބަހައްޓާ ވޯޓު ފޮށިތަކާ ޙަވާލުވާ އިސްވެރީންނަށް ހަމަޖައްސާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި ނައިބުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރު ކުންފުނިތަކުގެ ވެރިންފަދަ ސިޔާސީ ބޭފުޅުންގެ އިތުރުން، ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބޭނެ 10 ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ބޭފުޅުންނާއި ޤައުމީ މަޖިލީހުގެ ބައެއް މެންބަރުންނެވެ.
ވޯޓު ފޮއްޓާ ޙަވާލުވާ “އިސްފަރާތް” ކަމަށްބުނެފައިއެވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ޤަވާއިދުގެ 22 ވަނަމާއްދާގައި ބަޔާންކުރާފަރާތަށެވެ. އެ މާއްދާގައިވަނީ ވޯޓުނެގުމާބެހޭ އެންމެހާ ކަންކަން ބަލަހައްޓާ (“އޮފިޝަލުން”)ގެ މައްޗަށް “އިސް ފަރާތެއް” އިންތިޚާބާބެހޭ ކޮމިޓީން ޢައްޔަންކުރަންވާނެ ކަމަށެވެ.
އިސްފަރާތަކާބެހޭ ޝަކުވާއެއް އޮތްނަމަ، އިސް ފަރާތްތަކުގެ ލިސްޓުގައި ބޯލްޑްކޮށްފައި ހުރި އިސްފަރާތް މެދުވެރިކޮށް މައްސަލަ ޙައްލުކުރުމަށް އެމްޑީޕީން އެދެއެވެ.