13 އޮކްޓޯބަރ 2010
އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ހިންގާކޮމިޓީގެ ފުރަތަމަ ބައްދަލުވުން 12 އޮކްޓޯބަރ 2010 ވީ އަންގާރަދުވަހުގެ ރޭގަޑު 9.00 ގައި މާލޭގެ ޕާޓީ މައިހަރުގޭގައި ބާއްވައި، ދާއިރާގެ އަންހެނުންގެ ރޫހުގެ އިންތިގާލީ ދާއިރާ ކޮމިޓީ އިންތިހާބު ކުރުމަށް ނިންމައިފިއެވެ. މިއިންތިހާބު ބާއްވަން ހަމަޖެއްސީ މި މަހުގެ 16 ވާ ހޮނިހިރު ދުވަހުގެ ރޭގަޑު 9.00 ގައި އެމްޑީޕީ މައި ހަރުގޭގައެވެ. އަދި މިކަން އާއްމުކޮށް އިއުލާނުކޮށް، ދާއިރާގެ އެންމެހާ އަންހެން މެމްބަރުންނާއި، ޕާޓީއަށް ސޮއިކުރުމަށް އެދޭ ދާއިރާއަށް ނިސްބަތްވާ އިތުރު އަންހެން ބޭފުޅުން މިއިންތިހާބުގައި ބައިވެރިވުމަށް ދައުވަތު އެރުވުމަށްވެސް ނިންމިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ އަންހެނުންގެ ރޫހުގެ އިންތިގާލީ ދާއިރާ ކޮމިޓީ ގެ 5 މަގާމްކަމުގައިވާ ރައިސާއާއި، ނައިބު ރައީސާ، ޚަޒާންދާރު، ސެކެޓްރީ އަދި އިންތިޒާމް ސެކެޓްރީގެ މަގާމަށް ކުރިމަތިލައްވާ ދާއިރާގެ އަންހެން މެމްބަރުން، މިބައްދަލުވުމުގައި އެކަމަށް ކުރިމަތިލާ، ކެމްޕޭންފެށުމަށް ހުޅުވާލަން ނިންމިއެވެ.
އެމްޑީޕީން މިވަގުތު ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގެ މާލޭ ކޯޑިނޭޓަރ މުހަންމަދު ފަލާހާއެކު މަސައްކަތް ކުރުމަށް ހެންވޭރު ދެކުނު ދާއިރާއިން ކަޑައެޅި ފޯކަލް ޕޮއިންޓަކީ ދާއިރާގެ ނައިބުރައީސް މުހަންމަދު ޝާހިދު ކަމުގައި ވަނީ ހަމަޖައްސާފައެވެ.
ދާއިރާގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު ޢަބްދުލް ޣަފޫރު ރިޔާސަތު ބެލެހެއްޓެވި މިފުރަތަމަ ބައްދަލުވުމުގައި ދާއިރާގެ ނައިބު ރައީސް މުހަންމަދު ޝާހިދާއި، ސެކެޓްރީ އަންވަރު އަލީ، ސެކެޓްރީގެ ނައިބު އަޙްމަދު ނައީމް، އަދި އިންތިޒާމް ސެކެޓްރީ އާދަމް ޚަލީލް ބައިވެރިވެވަޑައި ގެންނެވިއެވެ.