ރައީސުލްޖުމްހޫރިއްޔާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމަށް މަރިޔަމް ޢަޒްރާ އަޙްމަދު ޢައްޔަން ކުރައްވައިފި

13 އޮކްޓޯބަރ 2010

de87dea6de92deaade83dea7

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމަށް މާފަންނު ހުކުރަދިގޭ މަރިޔަމް ޢަޒްރާ އަޙްމަދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. މަރިޔަމް ޢަޒްރާ އަޙްމަދު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން އެކަމަނާއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަރިޔަމް ޢަޒްރާ އަޙްމަދު އެމަގާމަށް ޢައްޔަން ކުރެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި މަރިޔަމް ޢަޒްރާ ހުންނަވައިގެން، ރާއްޖޭގެ އިންސާނީ ޙައްޤުތަކާބެހޭ ކަންތައްތައް ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.