މެންބަރުންގެ ޚިޔާލު: ދޮންޖޭމަކީ ފައިންއެރުނަސް ޗަސްވާއެއްޗެކެވެ.

13 އޮކްޓޯބަރ 2010

ފުނަމާ

ދެދުވަހުން އެއްދުވަހު މިއުޅޭ އުމަރާ އެކު ކަރުބުޑުން ގާނައިގެން އަޑުނެރޭ ގުރޫޕުގެ މީހުން ތަންތަނަށްއަރާ ތިބެގެން ސަރުކާރު ވަށްޓާލާނެ ކަމަށް ގޮވަމުންދާއިރު މިހާރު މިޤައުމު މިއޮތް ހާލަތާ މިވަމުންދާ ގޮތާ އެމީހުންނަށް އެބަ އެނގޭހެއްޔެވެ؟
ދުވަހެއް ދުވަހަކަށް ސަރުކާރުގެ ތާއީދުބޮޑުވެ ޕާޓީއަށް ބައިބަޔަށް މެންބަރުން އިތުރުވެ މަޖްލީހުގައި އިދިކޮޅު ފަރާތްތަކަށް އޮތް ތާއީދުވެސް ގެއްލި ހަފުސްވާއިރުވެސް މިއުޅެނީ ހަމަހޭވެރިކަން ނައިސްގެންނެވެ. ނުވަތަ ވެފައިވާ މަސްތެއް ނުފިލައިގެންނެވެ. ނޫނީ މީހުންގެ ފުރާނަޔާ މައިބަދަޔަށް ބޫތުކައިފައި ތިބިބަޔަކަށް އެކަންކަން ހާސިލް ނުވުމުން ރޭރުވެގެންނެވެ.
އެހައްދުވަހު މިޤައުމުގައި ނެގުނު ވޯޓަކީ މިސަރުކާރުގެ ތާއީދު އޮތްތޯ ނުވަތަ ނެތްތޯ ބަލާންނެގި ވޯޓެއްކަމުގައި ތިބެ ހަޅޭއްލަވާއިރު މިމީހުން ނަކީހަމަ ތަސައްރަފުފުދޭ ބަޔެއްތޯއާއިމެދު ސުވާލު އުފެދެއެވެ.ސަރުކާރުން ނެގި ވޯޓަކީ އިދާރީ ދާއިރާތައް އެއްކޮށްލާން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބަލާން ނެގި ވޯޓެކެވެ. އެކަންއެއޮތީ ވަކިގޮތަކަށް ނިމިފައެވެ. އަދި އިދިކޮޅު މީހުންގާތު ބުނާންއޮތީ މިސަރުކާރުން މިސަރުކާރުވެރިކަމުގައި އޮތްހާ ދުވަހަކު ހިންގާނީ މިސަރުކާރުގެ ސިޔާސަތެވެ. އެކަމާ ކިތަންމެ އަސަރުކުރިޔަސް އުމަރަކަށް ކާސިމަކަށް ތަސްމީނަކަށްވެސް ހަމަހިލާ ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއެވެ. ޖެހޭނީ ކުޅިބަލާން ރޭރުވެފައި ތިބޭށެވެ. ރައްޔިތުންގެ އަގު ވަޒަންކުރާ ސަރުކާރަކުން ރައްޔިތުންގެ ކަންކަމުގައި ކިތަންމެ ފައިސާއެއް ޚަރަދު ކުރިޔަސް އެޔަކީ ނަގައިގަތް ކަތީބުންނަކާ ބެހޭކަމެއް ނޫނެވެ. މިސަރުކާރުގެ ވެރިޔަކަށް ހުންނެވި ރައީސް ނަޝީދު އެވިދާޅުވާ ޗާޓުން ބޭރުގައި ނުވަތަ ޗާޓުނުފެންނަ ހިސާބުގައި ވެސް ކުރަށްވާނެ ކަމެއް އެނގިވަޑައި ގަންނަވާނީ ހަމަ ރައީސް ނަޝީދުއަށާއި އޭނާއަށް ކެންޑިޑެންސީ އެރުވި އޭނާގެ ޕާޓިއަށެވެ. ރާއްޖޭގައި ހަމައެކަނި ޑިމޮކްރަސީ ދަންނަ އަދި އެންމެ ގިނަ މެންބަރުން ތިބި އެމްޑިޕީއަށެވެ. ޚުދުމުޚުތާރުކަމުން މީހުންމަރައި ސަތޭކަދިހަ އާއިލާ ޔަތީމުކޮށްލާފައިތިބި މިޤައުމުގެ ޚާއިނުންނަކަށް މިއަދަކު މިޤައުމު ހިންގާންވީ ގޮތެއްވެސް އަދި ކުރާންވީ ކޮންކަމެއްވެސް ކިޔާކަށް ބުނެދޭކަށް ނޭނގޭނެއެވެ. އަދި ކިތަންމެ ވަރަކަށް ކިޔާދޭން އުޅުނަކަސް ހަމަހިލާ އެއަޑެއް އަހާކަށްވެސް ނުޖެހެއެވެ.
އަމިއްލަ ޕާޓީ ފުނޑާލާފައި ނުކުމެ މިޤައުމު ފަސާދަކޮށް ވެރިކަމާ ތޮޅޭން ކިތަންމެ ފުމެފުމެފައި އުޅުނަސް އަދި އެމީހުންގެ ތެރޭގައި މިތިބީ ސިޔާސީގޮތުން ކިޔަވާން ފޮނުވާވަރަށްވުރެވެސް ޅަކުދީންނެވެ. އުރަތްޕެއް ހުރި މީހެއްނަމަ އެދަނީ ފޮށިތަންމަތި ބަނދެގެން ގޯތީން ބޭރަށެވެ. މިސަރުކާރަކީ ތިމާމެން މަގުގެ އެއްފަރާތުގައިތިބެގެން ފުމެލާއިރަށް ވެއްޓޭނެ އެއްޗެއްކަމުގައި ހީކުރާނަމަ ފަހަތަށް އެނބުރިބަލާލަބަލާށެވެ. އަނިޔާވެރިކަމާ ޚުދުމުޚުތާރުކަމުގައި ތިރީސްއަހަރުން ޖަމާކުރި ހުރިހާ ހަތިޔާރެއް ހިފައިގެން ނުކުމެ އެމްޑީޕީ ނައްތާލަން މަސައްކަތް ކުރިދުވަހު ނުކުރެވުނު ކަމެއް މިއަދު ކުރެވިދާނެ ކަމުގައި ހީވާނަމަ އެމީހުން ލާން އެންމެ ރަނގަޅުވާނީ ގުރައިދޫގައި އެހުންނަ މަރުކަޒަށެވެ.
ރަށްރަށުގެ ރައްޔިތުންގެ ގާތު މިސަރުކާރުން ކޮށްދޭން އުޅޭ އެއްވެސް ކަމެއް ގަބޫލުނުކުރާށޭ އޭރުން ސަރުކާރުވެއްޓުނީމައި ތިމަންމެން އައިސް ރަނުން ގަނޑުވަރު އަޅާދޭނަމޭ ބުނާއިރު ލަދުހަޔާތުގެ ކަންފުޅެއްވެސް އެބަހުރިހެއްޔެވެ؟ އެބުނާ ރަންޒަމާނުގައި ކަންނުކުރެވުނީ ކީއްވެހެއްޔެވެ/ ރައްޔިތުން މުސްކުޅިބެޔާ ނުރުހި ސަރުކާރު ބަދަލުކުރިކަން އަދިވެސް އެއުޅެނީ ނޭނގިގެންނެވެ. އިންސާނުންނަކީ ވަލުޖަނަވާރާ ޚިލާފަށް ސިކުނޑީގެ ބާރުދެއވައި މަތިވެރި ކުރައްވާފައިވާ ބަޔެއް ނަމަވެސް ސިކުނޑިގައި ކަންފުޅެއް ނެތިއްޖެނަމަ އެޖަނަވާރަށް ވުރެވެސް ދަށުދަރަޖައިގެ ބަޔެއްކަމުން މިކަހަލަ ދެއުޅިޔެއް ނުވާ އުމަރާ ކާސިމާ މިޤައުމުގައި އުޅުމަކީވެސް އަޖާބުވާންޖެހޭނެ ކަމެއް ނޫނެވެ.
ތިމާމެން ކޮނުނު އަނދަވަޅު ބޮޑުބެ އެކީއެކައްޗަކަށް އެއަޑިގަނޑަށް ވެއްޓި ހަފުސްވަމުން ދާއިރު އަދިވެސް ތިބެ ގޮވަނީ ވައްޓާލާށެވެ. ކޮންއެއްޗެއް ހެއްޔެވެ؟ ތިމާމެން ކޮނުނު އަނދަވަޅަށް ތިމާމެން ވަށްޓާލަންވީހެއްޔެވެ؟ ފިސާރި ތެދެއް ބުނަން ހެއްޔެވެ. އެމްޑީޕީއަކީ މިއަދު ރާއްޖޭގައި އޮތް ސަރުކާރު ނިސްބަތްވާ ޕާޓީގެ އިތުރުން އެންމެގިނަ ދިވެހި ރައްޔިތުން ހިމެނިގެންވާ ޕާޓީއެވެ. މިޕާޓީގެ ޝަރަފާ ނމެންބަރުންގެ ކަރާމަތާ ނުގޮތަކަށްވެސް ވައިއެޅިލާން އުމަރެއްކަމަކު ނުނިކުންނައްޗެވެ. އެމްޑީޕީ މަޑުމަޑުން މިއޮންނަނީ ރައީސްނަޝީދުގެ ވެރިކަން ސީދާ ކުރުމުގައެވެ. އެހެންފަރާތަކުން ލޮޅުމެއް އަރުވާލިޔަސް އެމްޑިޕީ އޭގެ ބާރުގައި އެބަޔަކާ އިދިކޮޅަށް ތެދުވާނެއެވެ. އެދުވަހަކުން ސަލާމަތްވާނެ ގޮތެއް ހޯދައިގެން ތިބުން ރަނގަޅުވާނެއެވެ. ދޮންދަނގަނޑު ލަނބަންއެނގޭ ތިލޭރުން މިޕާޓިގައި އެބަތިއްބެވެ. ދޮންޖޭމަކީ ފައިންއެރުނަސް ޗަސްވާ އެއްޗެއްކަން ދަންނާށެވެ.