އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންވެސް ޕާޓީގެ ޕްރައިމަރީގައި ވޯޓު ފޮށި ބަލަހައްޓާ ގޮތަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީ ވާ ހުކުރުދުވަހު ބާއްވާ ޕްރައިމަރީގެ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުން ފެށިގެން، އެންމެހާ އިސްވެރިން ބައިވެރިވާނެކަމުގައި އެމްޑީޕީގެ އިންތިޚާބީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިފަހަރުގެ އެމްޑީޕީގެ ޕްރައިމަރީފައި ޕާޓީގެ އިސްވެރިންނާއި ދާއިރާތަކުގެ ރައީސުން ކުރިމަތިލައްވާފައިވާތީ އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވާފައިވާތީ، އެހެން ފަހަރުތަކަށްވުރެ، ވޯޓު ފޮށި ބަލަހައްޓާނެ މަސްއޫލުވެރިން ނެގުމުގައި، އިންތިޚާބީ ކޮމިޓީއިން އިތުރު ސަމާލުކަމެއް ގެންނަންޖެހޭކަމަށް ފާހަގަކޮށް، ކޮމިޓީން ނިންމާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި ނައިބުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރު ކުންފުނިތަކުގެ ވެރިންފަދަ ސިޔާސީ ބޭފުޅުން މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިކުރުމަށެވެ. އަދި ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބޭނެ 10 ދާއިރާގެ ކެންޑިޑޭޓުންވެސް ޕްރައިމަރީގެ ކަންކަމުގައި މަޝްޣޫލުކުރުމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މި ފަހަރު 269 ފޮށި ބެހެއްޓޭއިރު، އޮފިޝަލުންގެ ގޮތުގައި 636 ފަރާތެއް އަދި އޮބްޒާވަރުންގެ ގޮތުގައި 1192 ފަރާތެއް ފޯމު ހުށަހަޅާފައިވެއެވެ.
— — —