ކަރަންޓުގެ އަގު ރައްޔިތުންގެ އަތްފޯރާފަށަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނޭ ކަމުގައި އެމްޑީޕީން ބުނެފި

12 ޖެނުއަރީ 2010

maari-hamid-eva-inthi-at-25

މާލޭގެ ކަރަންޓުގެ އަގުތައް މިހާރު ހުރީ އަތްފޯރާފަށުގައި ނޫން ކަމަށާއި، ދިރިއުޅުމުގެ އަގުތައް އަތްފޯރާފަށަށް ގެނައުމަށް އެމްޑީޕީން ވެފައިވާ ވައުދާ އެއްގޮތަށް ކަރަންޓުގެ އަގުވެސް ރައްޔިތުންގެ އަތްފޯރާފަށަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނޭ ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ބުނެފިއެވެ.
އެމްޑީޕީން މިކަން ހާމަކޮށްފައިވަނީ ކަރަންޓުގެ އަގަށް އައި ބަދަލާއި ގުޅިގެން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ރައްޔިތުންގެ އަތްފޯރާފަށަށް ކަރަންޓުގެ އަގު ތިރިކޮށްދިނުމަށް ސަރުކާރަށް ގޮވާލުމަށް އިއްޔެ ދަރުބާރުގޭ ފަންސަވީހުގައި އެމްޑީޕީގެ ޕާލަމެންޓްރި ގްރޫޕްގައި ހިމެނޭ މާލޭ ދާއިރާތަކުގެ މެންބަރުން ބޭއްވި ނޫސްކޮންފަރެންސް ގައެވެ.
މިނޫސް ކޮންފަރެންސްގައި މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންތައް ކުރަމުންދާ ޕާޓީއަކަށްވާތީ ކަރަންޓުގެ އަގަށް މިއައި ބަދަލާއި ގުޅިގެންވެސް ރައްޔިތުންގެ ޝަކުވާތަކުގެ އަޑު އަހަމުން ގެންދާކަމަށާއި، ދިރިއުޅުމުގެ އަގުތައް ތިރިކުރުމަކީ އެމްޑީޕީގެ ވައުދެއް ނަމަވެސް ކަރަންޓުގެ އަގު މިހާރު ހުރީ އަތްފޯރާފަށުގައި ނޫންކަން އެކަމަނާ ވެސް ގަބޫލުފުޅުކުރައްވާ ކަމުގައެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ކަރަންޓުގެ އަގަށް މިއައި ބަދަލުގެ އަސަރު ރައްޔިތުންނަށް ފޯރާފައިވާ މިންވަރު ދިރާސާކުރުމަށް އެމްޑީޕީގެ ފަރާތުން ގޭގެއަށް ޒިޔާރަތް ކުރެއްވުމުން، ސަބްސިޑީއާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ރަގަޅަށް އޮޅުންފިލާފައި ނުވުމުގެ ސަބަބުން ގިނަބަޔަކު ސަބްސިޑީ ފޯމު ފުރާފައިވާ ނުވާކަން ފާހަގަ ކުރެވިފައިވާތީ، ކަރަންޓު ބިލު ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އެމްޑީޕީގެ ފަރާތުން ސަބްސިޑީ ފޯމު ފުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނޭ ކަމުގައި ވިދާޅުވިއެވެ. މިގޮތުން އެމްޑީޕީ ހަރުގޭގައާއި، ގޭގެއަށް ޒިޔާރަތްކޮށްގެން ފޯމުފުރުމުގެ މަސައްކަތް ކުރައްވާނޭ ކަމުގައި މާރިޔާ ވިދާޅުވިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މާލޭގެ 50 އިންސައްތަ މީހުންގެ ކަރަންޓުގެ އަގު އަތްފޯރާފަށަށްވުރެ މަތީގައިވާ ކަމުގައެވެ. އަދި އޯގާތެރި ސަރުކާރެއް ހިންގުމަށްޓަކައި ދިރިއުޅުމުގެ އަގުތައް އަތްފޯރާފަށަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނަމަވެސް އޭގެ މާނައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގެއްލުންވާ ގޮތަށް އެކުންފުނިތައް ހިންގުން ނޫންކަމުގައި އީވާ ވިދާޅުވިއެވެ. މިފަދަ ކުންފުނިތަކުގެ ގެއްލުން ފޫބެއްދުމަށް އެކުންފުނިތަކަށް ސަރުކާރުން ދާއިމީގޮތެއްގައި ސަބްސިޑީ ދިނުމުގެ ބަދަލުގައި އެކުންފުންޏަކުން ފޯރުކޮށްދޭ ޚިދުމަތުގެ އަގަށް ފޯރުންތެރިންގެ އަތުން ނެގޭ ފައިސާގެ އަދަދު އިތުރުކުރަން ޖެހިފައިވާކަން ވެސް އީވާ ފާހަގަކުރެއްވިއެވެ.
ކަރަންޓުގެ އަގަށް ބަދަލުގެނައި ދުވަސްވަރަކީ އެކަމަށް އެންމެ މުނާޞަބު ދުވަސްވަރު ނޫންކަމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރު ވިދާޅުވިއިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ކަރަންޓުގެ އަގު އުފުލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވިދާނޭ މަސައްކަތްތަކާ ބެހޭ ގޮތުން ލަފާ ހޯދުމަށް ރައްޔިތުންނާ ވާހަކަ ދައްކަމުންގެންދާ ކަމަށާއި، އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ދަމަހައްޓައި، އެ ވަޢުދުތައް ފުއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނޭ ކަމުގައެވެ.