2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ނެގުމަށް ބާއްވާ ޕްރައިމަރީއާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ ބެލުމަށް އެކުލަވާލި ކޮމިޓީގެ ނިންމުންތައް އެމްޑީޕީން މިއަދު ޢާންމުކޮށްފި

18 ޖަނަވަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީގެ ކަންކަމާގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން އެމްޑީޕީން މިއަދު ޢާންމުކުރީ ރީރެޖިސްޓްރޭޝަނުގެ ކުރިން ހުށަހަޅާފައިވާ ޝަކުވާއާގުޅިގެން ނިންމި ނިންމުންތަކެވެ.
މިގޮތުން ޝަކުވާ ކޮމިޓީއިން ނިންމި 15 ނިންމުމުގެ ތެރޭގައި، ކުރީގައި ޕީޕީއެމްގައި ހިމެނުނު 14 މީހެއްގެ ނަން، އދ.ކުނބުރުދޫގެ އެމްޑީޕީ ވޯޓު ލިސްޓުގައި އޮތްކަމަށްބުނެ ހުށަހެޅު ޝަކުވާގައި، ކޮމިޓީން ނިންމާފައިވަނީ އދ.މަހިބަދޫ ދާއިރާއަކީ ޕްރައިމަރީއެއް ނުބާއްވާ ދާއިރާއަކަށްވާތީ، މައްސަލަ ނުބެލުމަށެވެ. އަދި ކެންޑިޑޭޓު ނަންބަރު ލިބޭނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށް އޮތް އިރު، އިސްމާޢީލު ރިމާޙަށް، ޢަލީ ޢާޒިމުގެ ކުރިން ކެންޑިޑޭޓު ނަންބަރު ލިބުނުކަމަށް ބުނެ، ހުށަހެޅި ޝަކުވާއާގުޅިގެން ކޮމިޓީން ނިންމާފައިވަނީ ބަލަންޖެހޭ ވަރަށްވުރެ ކުޑަ މައްސަލައެއް ހިމެނޭ ޝަކުވާއަކަށްވާތީ ޝަކުވާ ބަލައިނުގަތުމަށެވެ.
އަދިއެމްޑީޕީގެ މެންބަރުންގެ ލިސްޓުގައި، އެ މީހަކަށް ނޭނގި ހިމަނާފައިވާ މީހުން، ލިސްޓުން އުނިކުރުމަށް ނިންމުމުގެ އިތުރުން، ރީރެޖިސްޓްރޭޝަންގެ އިޖްރާއާތުތައް ކަމު ނުދާކަމަށްބުނެ ލިބިފައިވާ ޝަކުވާތަކަށް، ކޮމިޓީއިން ރައްދުދެމުން، ނިންމާފައިވަނީ ވަގުތާއި ޙާލަތަށް ބަލާއިރު، ރީރެޖިސްޓްރޭޝަންގެ ކަންކަން އެނޫންގޮތަކަށް މިފަހަރު ކުރެވެން ނެތްކަމަށެވެ.
ހަމަމިއާއެކު، ގއ. ދާންދޫއިން އެއް ކެންޑިޑޭޓު ނެގުމަށް ބޭއްވި ރަށު ޕްރައިމަރީއިން ބަލިވި ފަރާތެއް ޕްރައިމަރީގައި ވާދަކުރާތީ ގއ. ދާންދޫ ކަކާގޭ ޔަޢުޤޫބް ޢަބްދުﷲ، ހުށަހެޅި ޝަކުވާއާގުޅިގެން، ކޮމިޓީން ނިންމީ، ރަށްރަށުގައި ބާއްވާ ދޭސީ ޕްރައިމަރީއަކީ ޕާޓީއަށް އަންގައިގެން ބާއްވާ އެއްޗަކަށް ނުވާތީ، މައްސަލަ ނުބެލުމަށެވެ.
މީގެ އިތުރުން، އެމްޑީޕީ މުލަކު ދާއިރާގެ ރައީސް ވަކި ފަރާތަކަށް ކެމްޕޭނުކުރާކަމަށް ބުނެ ހުށަހެޅި މައްސަލާގައި، ކޮމިޓީން ނިންމާފައިވަނީ، އިންތިޚާބު ކޮމިޓީއާއި ޝަކުވާ ކޮމިޓީގެ މެންބަރުން ފިޔަވައި އެހެނިހެން މަޤާމުތަކުގައި ތިއްބެވި އެމްޑީޕީ ވެރިންނަށް، ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ކެމްޕޭނުކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.