– އުމަރަކީ ޕާޓީއަކަށްފަހު ޕާޓީއެއް ފުނޑަމުންދާ މީހެއް
13 އޮކްޓޯބަރ 2010
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ކުރީގެ ރައީސް އަދި ޑީއާރުޕީގެ މިހާރުގެ ނައިބު ލީޑަރު އުމަރު ނަސީރަކަށް ވެސް އަދި ޑީއާރުޕީ، ޕީއޭ އަކަށް ވެސް ދިވެހި ރައްޔިތުންގެ ތާއީދާއެކު ޤާނޫނީ ގޮތުން އުފެދިފައިމިވާ ސަރުކާރު މަޖިލީހުގެ ތެރެއިން ވެސް އަދި މަޖިލީހުން ބޭރުންވެސް ވައްޓާ ނުލެވޭނޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މީޑިއާ ޔުނިޓަށް ރޭ ދެއްވި ބަސްދީ ގަތުމެއްގައި މޫސަ ވިދާޅުވީ ކުރީގެ ރައީސް މައުމޫނާ މެދު ކަންތައްކުރެއްވުމުގައި ޗާޓުން ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅުއްވައިފިނަމަ ވެރިކަން ވައްޓާލާނޭ ކަމަށް ވިދާޅުވެ، ޢުމަރު ނަސީރު ރައީސް މުޙައްމަދު ނަޝީދަށް ކިތަންމެ ވަރަކަށް އިންޒާރުދެއްވި ނަމަވެސް ހަމަހިލާ މިވެރިކަން ވައްޓާނުލެވޭނޭ ކަމަށާއި، މަގުމައްޗަށް ނިކުމެގެން ވެރިކަމެއް ވައްޓާލިޔަސް އަދި އެހެން ކަމެއް ޙާސިލްކުރި ނަމަވެސް އެކަމެއް ޙާސިލްކުރުމުގެ ޤާބިލްކަން ލިބިގެންވާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.
އުމަރު ނަސީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ އުމަރު ނަސީރަކީ ކުރީގެ ވެރިކަމުގައި ދިވެހިރައްޔިތުންނަށް ކޮށްފައިވާ އަނިޔާތަކުގައި ބައިވެރިވެ މީހެއްގެ “ބެކްބޯން” ބިންދާލާފައިވާ ކަމަށް މަޝްހޫރުވެފައިވާ މީހެއް ކަމަށާއި، އެހެން ކަމުން މިސަރުކާރުން އެފަދަ ޝަރީޢަތެއް ހިންގައިފި ނަމަ އުމަރު ނަސީރާ މެދު ވެސް ފިޔަވަޅު އެޅުން އެކަށީގެންވާ ކަމަށް މޫސަ ވިދާޅުވިއެވެ.
ސިޔާސީ ގޮތުން އެއްވެސް އުރަތްޕެއްނެތް ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާ އުމަރު ނަސީރަކީ ޕާޓީއަކަށް ފަހު ޕާޓީއެއް ފުނޑަމުންދާ މީހެއް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އަދި “އައިޑީޕީ އުވާލުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން މިހާރު، އުމަރު ނަސީރު މަސައްކަތް ކުރަމުން އެދަނީ ޑީއާރުޕީތެރެ ފަސާދަކޮށް، އެޕާޓީ ބައިބައިކުރުމަށް” ކަމަށް މޫސަ ވިދާޅުވިއެވެ. މިގޮތުން އުމަރު ނަސީރު ޑީއާރުޕީއާ ގުޅިވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ އެޕާޓީގެ ލީޑަރޝިޕް ތެރޭގައި ބައިބައިވުން އުފައްދައި، އެޕާޓީގެ ލީޑަރު އަދި އެޕާޓީގެ ކައުންސިލްއާއި މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކޮންޓްރޯލްކުރައްވާ ތަސްމީން އެޕާޓީން ބޭރުކުރުމަށް މަސައްކަތްކުރެއްވުން ކަމަށް މޫސަ ވިދާޅުވިއެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރްޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު ޕާޓީ ރޫޅޭ ފަދަ ޙާލަތަކަށް ގޮސްފައިވާއިރު، އުމަރު ނަސީރާމެދު ފިޔަވަޅުއެޅުމަށް އެޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީއަށް އޭނާގެ ނަން ވަނީ ފޮނުވާފައެވެ.