އެމްޑީޕީގެ އިސް ވަފްދެއް ތުލުސްދޫއަށް ޒިޔާރަތްކޮށްފި

7 ޖެނުއަރީ 2010

އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިންޒަކީ އާއި، އެކްޓިންގ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީގެ އިސްވަފްދެއް އިއްޔެ ހަވީރު މެދު އުތުރު ޕްރޮވިންސްގެ ކ. ތުލުސްދޫ އަށް ޒިޔާރަތްކޮށްފިއެވެ.
މި ވަފްދުގެ އިސް ބޭފުޅެއްގެ ގޮތުން ވަޑައިގެންނެވި، އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިންޒަކީ ވަނީ އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާކުރެއްވުމަށް ޚާއްޞަ ބައްދަލުވުމެއް ބާއްވަވާފައެވެ. ތުލުސްދޫގެ އިސްވެރިންނާއި، އެރަށުގެ ކަމުވޮށިވެގެންވާ ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި، އެކި ޕާޓީތަކަށް ނިޞްބަތްވެވަޑައިގަންނަވާ އާންމު ރައްޔިތުންނާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ތުލުސްދޫއަށް ދިމާވެފައިވާ ދަތިތަކާއި، އެރަށަށް މާލީ އަދި އިޤްތިޞާދީ ތަނަވަސްކަން ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި އެކަންތައްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނަވައި، ތުލުސްދޫއަށް އިތުރު ތަރައްޤީ އާއި ކުރިއެރުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނޭ ކަމުގައި ޒަކީ ވިދާޅުވިއެވެ.
އާބާދީގެ ނިޞްބަތުން އެމްޑީޕީގެ މެންބަރުން އެންމެ މަދު އެއްރަށް ކަމަށްވާ ތުލުސްދޫއަށް އެމްޑީޕީގެ ވަފްދު މިކުރި ދަތުރުގައި ވަފްދުގެ ބޭފުޅުން ތުލުސްދޫގެ ގޭގެއަށް ޒިޔާރަތްކުރައްވައި އެރަށުގެ އާންމު ޙާލަތު ބައްލަވާލެއްވިއެވެ. އެމްޑީޕީން ތުލުސްދޫ އަށް މިކުރި ޒިޔާރަތާއި ދެކޮޅަށް، އިދިކޮޅު ފަރާތްތަކުން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުމުގެ ޝުއޫރު ފާޅުކުރި ނަމަވެސް ފަހުން އިދިކޮޅު ފަރާތްތަކުން ވެސް އެމްޑީޕީގެ ވަފްދަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފައި ވެއެވެ. އަދި އެރަށުން އެމްޑީޕީއަށް ވަންނަމުންދާ މީހުންގެ އަދަދު މިފަހަކަށް އައިސް މަޑުމަޑުން އިތުރުވަމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ.
އޮބްޒާރވަރުންގެ ގޮތުގައި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ 2 ބޭފުޅަކުވެސް ބައިވެރިވެ ވަޑައިގެންނެވި، މިވަފްދު ތުލުސްދޫއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.