މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ނޫސް ކޮންފަރެންސްގައި، ރާއްޖޭގެ ކޯޓުތަކުގެ ޙާލަތު ގޯސްވެފައިވާ މިންވަރު އިތުރަށް ހާމަކުރައްވަމުން ދެއްވި މަޢުލޫމާތާ މެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިންތިހާއަށް ކަންބޮޑުވަމެވެ.
އެ ކޮމިޝަނުން ހާމަކުރެއްވި މަޢުލޫމާތުގެ ތެރޭގައި، ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުގެ ނުފޫޒު ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފޯރާފައިވާކަމާއި، ގޭންގުތަކުން ބޭނުންވާ ފަނޑިޔާރުން ކޯޓަށް އައްޔަނުކޮށްފައި ތިބިކަމަށް ހާމަކޮށްފައިވެއެވެ. އަދި ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅިގެން މަރުގެ ބައެއް މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުކުރުމުގެ ޢަމަލުތައް ހިންގާފައިވާކަމާއި، ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ނުކުރުމާއި، ހައްޔަރު ކުރަން ނުޖެހޭ މީހުން ހައްޔަރުކުރުން ފަދަ ޢަމަލުތައް ވެސް ހިންގާފައިވާކަމަށް ހާމަކޮށްފައިވެއެވެ. އަދި ފަނޑިޔާރުންގެ ސިކިޔުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ކަންކަމަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އަދުލު އިންސާފު ޤާއިމުކުރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އެމް.ޑީ.ޕީ. އިން ދެކެމެވެ. އަދި މިއީ، ރާއްޖޭގެ ކޯޓުތަކުގެ ނާއިންސާފުކަމާއި އެ ކޯޓުތަކުން ރައްޔިތުންގެ ޙައްޤުތަކަށް ފާޅުގައި އަރައިގަންނަމުންދާކަން ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެ އިއްތިފާޤުވަމުންދާއިރު، އެކަމުގެ ތެރެއަށް އިތުރުވި ބިރުހުރި މަޢުލޫމާތެކެވެ.
ރައްޔިތުންގެ ޙައްޤުތައް ދިފާޢުކޮށް، ޤާނޫނުއަސާސީއާއި ޤާނޫނުގެ ބާރުވެރިކަން ނަގަހައްޓައި، ރާއްޖޭގެ ޑިމޮކްރެސީއާއި ހަމަޖެހުން ޤާއިމުކުރެވެން އޮތީ، ދިވެހި ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެއިން ތަކުރާރުކޮށް ގޮވާލަމުން ގެންދާ ކަންކަން އިސްލާޙްކޮށް، ކޯޓުތަކާއި ޝަރުޢީ ނިޒާމު މިފަދަ ނުރައްކާ ކަންތައްތަކުން ސަލާމަތްކޮށް، މިނިވަންކޮށްގެން ކަމާމެދު ޝައްކެއް ނެތެވެ. އަދި ފަނޑިޔާރުގެ ސާފުކޮށް، އިސްލާޙުކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަންދީ، އެ މަސައްކަތުގައި މި ޕާރޓީ ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަޤީންކަން އަރުވަމެވެ.
31 ޑިސެމްބަރ 2018
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް