އައިޑީޕީގެ ނައިބު ރައީސް އެމްޑީޕީއަށް ސޮއިކުރައްވައިފި

12 އޮކްޓޯބަރ 2010

– ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ހޫނު މަރުހަބާއެއް ވިދާޅުވި

ލިޔުނީ: ރާމިޒް

idp-vp-mari-225-x-169idp-vp-225-x-169

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ނައިބު ރައީސް މުޙައްމަދު ޙަސަން މަނިކު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އެޕާޓީގެ މީޑިއާ ޔުނިޓަށް މަޢުލޫމާތުދެއްވަމުން މުޙައްމަދު ހަސަން މަނިކު ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ބެއްލެވީ އިދިކޮޅު ޕާޓީއެއްގައި ހުންނަވައިގެން ސަރުކާރު ޒިންމާދާރުކުރުވުމަށް މަސައްކަތްކުރުމަށް ކަމަށާއި، އެހެން ނަމަވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޑީއާރުޕީން ސަރުކާރު ޒިންމާދާރުކުރުވުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުންކޮށް ފިއްތުމަށް ކުރާ މަސައްކަތުގެ ގެއްލުން އާންމު ރައްޔިތުންނަށް ލިބެމުންދާތީ، ސަރުކާރަށް ތާޢީދުކޮށް، ސަރުކާރުންކުރާ ތަރައްޤީގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވައިގެން ކުރިއަށް ވަޑައިގަތުމުން ރައްޔިތުންނަށް އޭގެ ފައިދާ މާބޮޑުވާނޭ ކަމަށް ފެނިވަޑައިގަންނަވާތީ، އެގޮތް ޚިޔާރުކުރެއްވީ ކަމުގައެވެ.
މުޙައްމަދު ޙަސަން މަނިކު އިތުރަށް ވިދާޅުވީ އައިޑީޕީގެ މެނިފެސްޓޯއާ އެމްޑީޕީގެ މެނިފެސްޓޯގައި ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށާއި، އެގޮތުން ރާއްޖެ ސަރަހައްދުތަކަކަށް ބަހާލައިގެން، އެސަރަހައްދުތަކުގެ ރައްޔިތުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ އައިޑީޕީގެ ވެސް މުހިއްމު ސިޔާސަތެއް ކަމުގައި މުޙައްމަދު ޙަސަން މަނިކު ވިދާޅުވިއެވެ. އަދި އަބަދުވެސް އެމްޑީޕީއާއި ގުޅިވަޑައިގަތުމުގެ ޝައުޤުވެރިކަން ހުންނަކަމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ އިއްތިހާދުވުމަށް އައިޑީޕީގެ ކައުންސިލްގައި އޭނާ ކުރެއްވި މަސައްކަތް ކާމިޔާބުނުވީ އެންމެ ވޯޓެއް މަދުވެގެން ކަމަށް ވިދާޅުވިއެވެ.
މިއަހަރު ތެރޭގައި އައި އެންމެ ރީތި ތާރީޚް ކަމަށްވާ 10-10-10 ގައި އެމްޑީޕީގެ އައްޑޫ އޮފީހުގައި ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެކުނު ޕްރޮވިންސްގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އަދުހަމް އާއި، އައްޑު އަތޮޅު، އަތޮޅު ކައުންސިލަރ ޢަބްދުﷲ ޞޯދިޤާއި، އެމްޑީޕީ ހިތަދޫ މެދު ދާއިރާގެ ރައީސް އަދި އީދިގައު ގޮފީގެ ރައީސް އިބްރާހީމް ސޮބްރީގެ އިތުރުން އެމްޑީޕީ އައްޑޫ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިތާރީޚްގައި އެމްޑީޕީއަށް ސޮއިކުރެއްވީ ޚާއްސަކޮށްލުމުގެ ގޮތުންތޯ ދެންނެވުމުން މުޙައްމަދު ޙަސަން މަނިކު ވިދާޅުވީ އޭނާ އެ ތާރީޚްގައި ސޮއިކުރެއްވީ ވަކި އެތާރީޚަށްވާތީ ނޫން ކަމަށާއި، ސޮއިކުރުމުގެ ކަންތައް ހަމަޖެހުނު ދުވަހާ އެރީތި ތާރީޚާ އިއްތިފާޤުން ދިމާވީ ކަމަށެވެ.
އައިޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޙަސަން މަނިކު އެމްޑީޕީއަށް ސޮއިކުރެއްވުމާގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ މުޙައްމަދު ޙަސަން މަނިކަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
މާރިޔާ ވިދާޅުވީ މުޙައްމަދު ހަސަން މަނިކަކީ ވަރަށް ދުރުވިސްނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި އެބޭފުޅާ އެދެއްކެވި ރީތި މިސާލުގައި، އައިޑީޕީގައި ދެންތިއްބެވި ބޭފުޅުން ވެސް އެމްޑީޕީއާއި ގުޅިވަޑައިގެން އެކުގައި މަސައްކަތްކުރެއްވުމަށް އައިޑީޕީގެ ލީޑަރޝިޕަށާއި މެންބަރުންނަށް އެމްޑީޕީގެ ޗެއަރޕާސަން ދަޢުވަތު ދެއްވިއެވެ.