12 އޮކްޓޯބަރ 2010
ލިޔުނީ: ރާމިޒް
ލޯކަލް ކައުންސިލް އިންތިޚާބަށް ވީހާވެސް ތަޢްލީމީ އަދި ޚާއްޞަކޮށް، ސަރުކާރު ހިންގުމުގެ ތަޖްރިބާ ލިބިފައި ތިއްބެވި ބޭފުޅުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވިދާޅުވުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ އެއިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، އެއިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ވަނަވަރު، ހުށަހަޅަންޖެހެނީ އެމްޑީޕީގެ ކެމްޕެއިން އޮފީސް މ.ރެޑް ގްރާސް އަށެވެ. އަދި އަލުން ފުރުސަތު ހުޅުވާލި ނަމަވެސް ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ބާޠިލް ނުވާނެ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުތަކަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި ކެމްޕެއިން އޮފީހުންނާއި އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް، (ހ.ޝަރާޝާ، މާލެ) އިން ދޫކުރާނެ ކަމަށާއި، މިފޯމު އެޕާޓީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އެޕާޓީގެ ރަސްމީ ވެބްސައިޓް އެޑްރެހަކީ mdp.org.mv އެވެ. މީގެ އިތުރުން www.votemdp.com އިން ވެސް މިފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށް އެޕާޓީން ބުނެއެވެ.
އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ބަންދުވާ ތާރީޚް އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނޭ ދުވަހެއް އިޢުލާން ކުރުމުން އެމްޑީޕީގެ އޮފީހުން އިޢްލާންކުރާނޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.