މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުން ކެނޯއެއްގައި ކަނޑަށް ނުކުތް ތިން ކުދިން ގެއްލިފައިވާތީ، އެކުދިންގެ ޢާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ހަމްދަރުދީ ފާޅުކުރައްވައިފި

11 އޮކްޓޯބަރ 2010

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުން ކެނޯއެއްގައި ކަނޑަށް ނުކުތް ތިން ކުދިން ކަމަށްވާ އެރަށު ފަސާނާ ޢުމުރުން 13 އަހަރުގެ އަޙްމަދު ޖުނައިދާއި، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޢުމުރުން 9 އަހަރުގެ އިބްރާހީމް ޝާދިން އާއި، އަދި އެރަށު ވައިޓްރޯސް ޢުމުރުން 9 އަހަރުގެ ޢަލީ އަޝްރަފް ގެއްލިފައިވާތީ، އެކުދިންގެ ޢާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައި، އެމަނިކުފާނު އިޚްލާޞްތެރި ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުދުއްފާރަށް ވަޑައިގެން، މިޢާއިލާތަކާ މިބައްދަލުކުރެއްވީ، އެމަނިކުފާނު އެއަތޮޅު ދުވާފަރު ބައްލަވާލެއްވުމަށާއި، އެއަތޮޅުގައި ރިޒޯޓެއް ހަދަމުންދާ ރަށެއް ކަމަށްވާ ލުނދުފުށި ބައްލަވައިލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އުޅުއްވަމުންނެވެ. މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތީ މިއަދު ހެނދުނު 10 ޖެހިއިރުއެވެ.

ހުޅުދުއްފާރުން މިގެއްލުނު ތިން ކުދިންގެ ޢާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މިޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ހުޅުދުއްފާރަށް މިވަޑައިގަތީ، އެޢާއިލާތަކާ ބައްދަލުކޮށްލައްވައި، އެޢާއިލާތަކަށް މެދުވެރިވެފައިވާ ފުން ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.