އުމުރުން 14 އަހަރުގެ ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރައި މަރާލާފައިވާތީއާއި، ޢަބްދުﷲ ޔާމިނުގެ ސަރުކާރުން ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލުވާލާފައިވާތީ ކަންބޮޑުވުން

މާލޭގައި ރޭގެ ވަގުތެއްގައި އަނެއްކާ ވެސް ވަޅި ހަރައި އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖަކު މަރާލާފައިވާތީއާއި، ކުޑައެއް ބޮޑެއް ތަފާތުނުވާނޭ ގޮތަށް ޢަބްދުﷲ ޔާމިނުގެ ސަރުކާރުން ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލުވާލައި، މި މުޖުތަމަޢު ނާމާން ތަނަކަށް ހަދާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ޢަބްދުﷲ ޔާމިނުގެ ސަރުކާރު ވެގެން ގޮސްފައި މިވަނީ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެންމެ ބޮޑަށް އިހްމާލުވި ސަރުކާރުގެގޮތުގައެވެ. އަދި ވަޅި ހަރައިގެން ރެކޯޑް އަދަދަކަށް މީހުން މަރާފައިވަނީ ޢަބްދުﷲ ޔާމިނުގެ ދައުރުގައިކަން ފާހަގަކުރަމެވެ. މީގެ ސަބަބަކީ، ޢަބްދުﷲ ޔާމިނުގެ ސަރުކާރަކީ އޭގެ ޒާތުގައި ވެސް މުޖުރިމު ސަރުކާރަކަށްވުމެވެ. އަދި ސިޔާސީ މަޤުސަދުތައް ޙާޞިލުކުރުމަށްޓަކައި މުވައްސަސާތަކާއި ތަޙްޤީޤީ އިދާރާތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، އެ މުވައްސަސާތައް ޚަރާބުކޮށް، ޤައުމަށް ދިމާވެފައިވާ މިފަދަ ކަންބޮޑުވާ ޒާތުގެ އަސްލު މައްސަލަތަކާމެދު އަޅާނުލުމެވެ.

ނިމިދިއަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމާ ހަމައަށް ވެސް ޢަބްދުﷲ ޔާމިނާއި އޭނާގެ ސަރުކާރުން ފާޅުކުރަމުން ގޮސްފައިވަނީ ނުރައްކާތެރި ކުށްކުރާ ގޭންގުތައް ރާއްޖޭގައި ނެތްކަމާއި، މަގުތައް އަމާންކަމާއި، ޓެގު އެޅުވުމުގެ ބޭނުން ކެނޑިއްޖެކަމާއި ނުވަތަ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ފިޔަވަޅު އަޅާނޭ ތަނެއް ނެތްކަމެވެ.

ރިޔާސީ އިންތިޚާބުގައި ޢަބްދުﷲ ޔާމީނަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެ، ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން އޭނާ ބަލިކުރުމުގެ އެއް އަސްލަކީ ވެސް ރައްޔިތުންގެ ރައްކާތެރިކަމާއި މުޖުތަމައުގެ އަމާންކަން ނަގާލާފައިވުމެވެ. އަދި ޢަބްދުﷲ ޔާމިން ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ އިތުރު ނުރައްކަލެއްގެ ތެރެއަށް ރައްޔިތުން ހުށަހެޅޭނޭ ދުވަހެކެވެ.

ރޭގައި ވަޅި ހަރައި މަރާލި 14 އަހަރުގެ ކުޑަކުއްޖާގެ މައްސަލައާއި އަދި މިނޫން ވެސް މިފަދަ ގޮތްތަކަށް މަރާލާފައިވާ އެންމެހައި ފަރާތްތަކުގެ މައްސަލަތަކުގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަށް މި ޕާރޓީން ގޮވާލަމެވެ. އަދި ރައްޔިތުންގެ ވޯޓުން ނޫނެކޭ ބުނެފައިވާ ސަރުކާރަކުން ފުލުހުންނަށް ނުފޫޒުފޯރުވަމުންދާދިއުމަށް އިޖާބަނުދިނުމަށް ވެސް ފުލުހުންނަށް ގޮވާލަމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް
ތާރީޚު: 11 އޮކްޓޯބަރ 2018