2018 ވަނަ އަހަރުގެ މުދައްރިސސުންގެ ދުވަހާ ގުޅިގެން ނެރޭ ނޫސްބަޔާން

މިރާއްޖޭގައި މަސައްކަތް ކުރައްވާ އެންމެހައި ލޮބުވެތި މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި އެކި އެކި މަސައްކަތް ކުރައްވާ ފަރާތްތަކަށް މިއަހަރުގެ ބައިނަލްއަޤުވމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަމެވެ.

މުދައްރިސުންނަކީ ޤައުމު ބިނާކޮށް ހެޔޮލަފާ މުޖުތަމަޢެއް އުފެއްދުމުގައި އެންމެ މުހިންމު އެއް ފަރާތް ކަމަށް ވީ ހިނދު، މުދައްރިސުންނަށް ޙައްޤު ޤަދަރާއި އިޙުތިރާމު މުޖުތަމަޢުގައި ލިބިދޭން ޖެހޭ ކަމަށް މިޕާޓީން ދެކެމެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝީޢާރުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ ‘އުނގެނުމުގެ ޙައްޤު ކަށަވަރުކުރުމަށް- ފެންވަރު ރަނގަޅު މުދައްރިސުން’ މިއެވެ. މި ޝިޢާރަކީ މިވަގުތު މި ރާއްޖެއަށް ވަރަށް މުހިއްމު ޝިޢާރެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢު އިސްލާހުކޮށް، 21 ވަނަ ގަރުނުގެ ގޮންޖެހުންތަކާ ކުރިމަތިލާން އެނގޭ، ހެޔޮލަފާ ޖީލުތަކެއް ބިނާކުރުމަށްޓަކައި ފެންވަރު ރަނގަޅު މުދައްރިސުން އިންތިހާޔަށް ބޭނުންވެއެވެ.

ޔުނެސްކޯއިން ފާހަގަ ކުރާ ގޮތުގައި، މުދައްރިސުންގެ ފެންވަރު މަތި ކުރުމަށާއި ރަނގަޅު ފެންވަރުގެ ތަޢުލީމެއް ފޯރުކޮށްދިނުމަށް މުދައްރިސުންނަށް ކުރިމަތިވާ ވަރަށް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. މިގޮތުން ބަލާއިރު، ތޮއްޖެހިފައިވާ ކުލާސްތަކާއި މުދައްރިސުން ތަމުރީނު ކުރުމުގައި ހުރި އުނި ކަންކަމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އެކަށީގެންވާ ގޮތެއްގައި ނުހިންގުން މިއީ މީގެތެރޭގައި ފާހަގަ ކޮށްލެވޭ ބައެއް ކަންކަމެވެ.
އެހެންކަމުން ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނާފައިވާ ފަދައިން، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރެވި، ސްކޫލުތަކުގެ ޖާގަ ތަނަވަސްވެގެން ދިޔުމުން ތޮއްޖެހިފައިވާ ކުލާސްތަކަށް ލުޔެއް ލިބިގެން ދާނެއެވެ. އަދި ހަމަ އެއާއެކު، ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ތަޢުލީމީ ދާއިރާއަށް ޝައުގުވެރި ކުރވުމަށްޓަކައި ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރެވި، މަތީ ތަޢުލީމުގެ ކަންކަން ހަރުދަނާވެގެން ދިޔުމުން، ތަމުރީނުވާ މުދައްރިސުންގެ ފެންވަރު އެތައް ތަނަކުން ރަނގަޅުވާނޭ ކަމަށްވެސް ދެކެމެވެ. އަދި މީގެ އިތުރުންވެސް، މިހާރު ޕްރޮފެޝަނަލް ޑިވެލޮޕމަންޓް ސްކޫލުތަކުގައި ހިންގޭ ވައްޓަފާޅި ބަދަލުކޮށް، މުދައްރިސުންނާއި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ދާއިރާތައް ދެނެގަނެވި، އެދާއިރާތައް ހިމަނައިގެން، ލާމަރުކަޒީ އުޞޫލުން ހިންގޭ ޕްރޮގްރާމް ތަކަކަށް މި ޕްރޮގްރާމްތައް ވެގެން ދާނެއެވެ.

އަދި މިޕާޓީން ދެކެނީ ކުރިޔަށް އޮތް ފަސް އަހަރަކީ ތަޢުލީމީ ދާއިރާއަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައިސް، 21 ވަނަ ޤަރުނުގެ ގޮންޖެހުންތަކާއި ކުރިމަތިލާން ދަންނަ، އަމިއްލަ މަސައްކަތުން ފުދިގެން ދިރިއުޅޭ، އިސްލާމީ ޢަޤީދާގެ މަތީގައި ބިނާކުރެވޭ މުޖުތަމަޢަކަށް މި ދިވެހި މުޖުތަމަޢު ބަދަލުވެގެން ދާނޭ ކަމަށެވެ.