ރައީސް ޢަބްދުﷲ ޔާމިން އިސްވެ ހުންނަވާ، ބަރުމާއާއެކު ހިންގަވާފައިވާކަމަށް ތުހުމަތުކުރެވޭ ވަގު ތެލުގެ ވިޔަފާރީގެ މައްޗަށް މޯލްޑީވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން “ވަގު ތެޔޮ ސްޕެޝަލް”ގެ ނަމުގައި ތައްޔާރުކުރި ރިޕޯޓާ ގުޅިގެން، ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛު ޙަސަން ލަތީފާއި، ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު އަނަސް ޢަބްދުލް ސައްތާރު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ މަސްއަލަ ތަޙްޤީޤުކުރުމަށް ފުލުސް އޮފީހަށް ޙާޒިރުވުމަށް، އަންގާ ޗިޓު ފޮނުވާފައިވާތީ އެކަން މިޕާޓީއިން ކުށްވެރިކުރަމެވެ.
މިރިޕޯޓާއި، އެމްޑީޕީގެ އިސް އޮފިޝަލުން ދެއްކެވި ވާހަކައިގެ ސަބަބުން ރައީސް ޢަބްދުﷲ ޔާމިންގެ އިންތިޚާބީ ޙައްޤުތަކަށް އުނިކަން ލިބޭކަމަށާއި، އެވާހަކަތަކުގައި ކޮށްފައިވާ ތުހުމަތުތަކަކީ ސާބިތުނުހިފޭ ވާހަކަތަކެއްކަމަށް ބުނެ ރިޔާސީ އިންތިޚާބާބެހޭ ޝަކުވާތައް ބެލުމަށް ޤާއިމުކޮށްފައިވާ ޤައުމީ ކޮންޕްލެއިންޓްސް ބިއުރޯއިން، އިންތިޚާބާބެހޭ ޢާންމު ޤާނޫނުގެ 77 ވަނަ މާއްދާގެ (ހ)ގެ 22 ވަނަ ނަންބަރާއި ޙަވާލާދީ، ފުލުހުންނަށް ހުށަހަޅާފައިވާ މަސްއަލައިގެ ތަޙްޤީޤަށްކަމަށް ބުނެ 21 ސެޕްޓެންބަރު 2018 ވާ ހުކުރު ދުވަހުގެ 16:00 އަށް ފުލުސް އޮފީހަށް ޙާޒިރުވުމަށް އެމްޑީޕީގެ ޗެއަރޕާސަނަށްވަނީ އަންގާފައެވެ. އަދި ހަމަ އެމަސްއަލައިގައި 19 ސެޕްޓެންބަރު 2018 ވީ ބުދަ ދުވަހު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްވެސްވަނީ ފުލުސް އޮފީހަށް ޙާޒިރުވުމަށްވަނީ އަންގާފައެވެ.
މިއީ ސިޔާސީ ބޭނުމަށްޓަކައި ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ފުލުހުންގެ މުއައްސަސާގެ މައްޗަށް ނުފޫޒާއި ނަހަމަ ބާރު ހިންގަވައިންގެން ހިންގަމުންގެންދާ ބިރުދެއްކުމުގެ ޢަމަލުތަކުގެ ލިސްޓަށް އިތުރުވާ ނަންބަރެއްކަމުގައި މެނުވީ މިޕާޓީއަކުން ނުދެކެމެވެ. އަދި މިއީ ވަގުތީ ފައިދާގެ ދަހިވެތިކަމުގައި ޣައިރު ޤާނޫނީ ޢަމުރަށް ކިޔަމަންތެރިވުމަށް ތައްޔާރަށް ތިބި މަދު ފުލުހުންކޮޅެއްގެ ބޭނުން ހިއްޕަވައިގެން ސިޔާސީ ވާދަވެރިންނާއި، ފަނޑިޔާރުންނާއި، ނޫސްވެރިން ހިމެނޭގޮތުން، ރައީސް ޢަބްދުﷲ ޔާމިނާ ޚިޔާލު ތަފާތުވާ ފަރާތްތައް ޝިކާރަކުރެއްވުމަށް ހިންގާ ސިލްސިލާއަށް އިތުރުވާ ބޮޅެއްކަމުގައިވެސް މިޕާޓީއިން ސިފަކުރަމެވެ.
ރައީސް ޢަބްދުﷲ ޔާމިން ހިންގަވާފައިވާކަމަށް ތުހުމަތުކުރެވޭ ތެލުގެ ވަގު ވިޔަފާރިއަކީ އދއިން ބަރުމާގެ މައްޗަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ހިންގާފައިވާ ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގި ވައްކަމެކެވެ. އެމްޑީޕީގެ ވެރިކަމުގައި އެވަގު މުޢާމަލާތްތަކުގެ މައްޗަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރާ މިނިވަން ތަޙްޤީޤެއް ހިންގުމަށް ގްރާންޓް ތޯޓަންއާއި ޙަވާލުކޮށްގެން މަސައްކަތްކުރެވުނެވެ. އެހެންނަމަވެސް ރައީސް ޢަބްދުﷲ ޔާމިން ކައްތިރިޖައްސަވައިގެން އެމްޑީޕީގެ ވެރިކަން ބަދަލުކޮށް، ރައީސް މުޙަންމަދު ނަޝީދުގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޢައްޔަނުކޮށް، އެތަޙްޤީޤުވަނީ ހުއްޓުވާފައެވެ. އެތަޙްޤީޤު ހުއްޓުވާލުމަށް ދިވެހި ދައުލަތުން އެތައް މިލިޔަން ޑޮލަރެއްގެ ފައިސާ އެފަރާތަށް ދެއްކިވެސްމެއެވެ.
ރައީސް ޢަބްދުﷲ ޔާމިން ހިންގެވިކަމަށް ތުހުމަތުކުރެވޭ ތެލުގެ ވަގުވިޔަފާރިއާއި، އެހެންވެސް ކޮރަޕްޝަނާއި، ވައްކަމުގެ މަސްއަލަތަކުގެ މައްޗަށް ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން އަދި ޕްރޮފެޝަނަލް ތަޙްޤީޤެއް ހިންގައިފިނަމަ އެކަންކަމުން އެމަނިކުފާނަށް ރެކިވަޑައިނުގެންނެވޭނެކަމަށް މިޕާޓީއިން ޤަބޫލުކުރަކުރަމެވެ. އަދި މިތުހުމަތުތަކަށް ބާރު ލިބޭގޮތަށް ޚުދު އެމަނިކުފާނު އަމިއްލަފުޅަށް ދައްކަވާފައިހުރީ އެންމެ ވާހަކައެއް ދެވާހަކައެއް ނޫންކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ.
ކަންމިހެން ހުރިއިރު، އެމްޑީޕީގެ އިސް އޮފިޝަލުންނަށް ބިރުދައްކާ، ރައީސް ޢަބްދުﷲ ޔާމިނަށް، ދިވެހިރާއްޖޭގެ އެތެރެއާއި، ބޭރުން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ތުހުމަތުތައް ވަންހަނާކުރުމަށް ތިޔަ ކުރައްވާ މަސައްކަތްޕުޅުތައް ހުއްޓާލުމަށް މިޕާޓީއިން ގޮވައިލަމެވެ. އަދި ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި ސިޔާސީ ވާދަވެރިންގެ ބޮލަށް އިތުރު މަޅިތަކެއް މެހުމަށް ތިޔަ ރާއްވަވާ ޙީލަތްތެރި ރޭވުންތަކަށް ފަސްޖެހުމެއްނެތި، ރައީސް ޢަބްދުﷲ ޔާމިން ހިންގަވާފައިވާ ކޮރަޕްޝަނާއި، ވައްކަމާއި، ފަސާދައިގެ ވާހަކަ ދެއްކުން ހުއްޓާނުލާނެކަމުގައިވެސް ދަންނަވަމެވެ.
އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކާމިޔާބުކޮށް، ރައީސް ޢަބްދުﷲ ޔާމިންގެ މޭސްތިރިކަމުގައި ހިންގާފައިހުރި ޤާނޫނާ ޤަވާޢިދާ ޚިލާފު ހުރިހާކަމެއްމެ ބަލާ، ތަޙްޤީޤުކޮށް، އިންސާފުގެ ކުރިމައްޗަށް ޒިންމާވާ ފަރާތްތައް ޙާޒިރުކޮށް، ފުލުހުންނަކީ ސިޔާސީ ނުފޫޒުން ނެއްޓި، ރައްޔިތުންގެ ލޯތްބާއި، އިޙްތިރާމް ލިބިގެން، ޚިދުމަތުގައި ދެމިތިބޭނެ ބައެއްކަމުގައި ވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ފުލުހުންނަށާއި، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވަމެވެ.