ހުޅުމާލޭގައި ހޮނިހިރުދުވަހު ހަވީރު ބޭއްވި ޢަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން ޙަރަކާތެއްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެއި ސާބިތު ހެކިލިބިފައިވާ ސީރިއަށް ޖިނާޢީ ކުށެއްގެ ގޮތުގައި ތަޙްޤީޤްކޮށް އެކަން ކުރި ފަރާތާމެދު ޤާނޫނީ ފިޔަަވަޅު އެޅުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގޮވާލަމެވެ.
ރިޔަސީ އިންތިޚާބަކީ ސިޔާސީ ގޮތުން ގިނަ ޙަރަކާތްތައް ބޭއްވޭ ދުވަސްވަރަކަށްވެފައި އެ ޙަރަކާތްތަކަކީ ސުލްހަވެރިކަމާއެކު ހިންގޭ ޙަރަކާތްތަކަށް ވާނަޖެހޭނެއެވެ. މިފަހަކަށް އައިސް ޢަބްދުﷲ ޔާމީންގެ ކެމްޕޭން ޙަރަކާތްތައް ހައްދުންނެއްޓި، އަނިޔާވެރިކަން އިސްކޮށް، ސުލްހަވެރިކަން ނަގާލުމަށް ގޮވާލަމުން އަންނައައުމަކީ ކަނޑައެޅިގެން ކެމްޕޭން ކުރުމުގެ މިންގަނޑުތަކާ އަދި ޤަނޫނުތަކާ ޚިލާފަށް ކުރަމުން އަންނަ ނުރައްކާތެރިކަން ބޮޑު ކަމެކެވެ. އަދި މިއީ ސިޔާސީ ވާދަވެރިކަމުގެ ބަދަލުގައި އަނިޔާވެރިކަން އާންމުވަމުން އަންނަ ކަމުގެ ހެއްކެއްކަމުގައިވެސް ދެކެމެވެ.
ސިޔާސީ ޕޯޑިއަމްތަކުގައާއި، ކެމްޕޭން ޙަރަކާތްތަކުގައި އެއްެވެސް ވިސްނުމެއް ފިކުރެއްނެތި، ފާޅުކަން ބޮޑުކޮށް ދިވެހި އެއްެވެސް ފަރުދެއްގެ ބޯ ބުރިކޮށް، މަރާލުމަށް ގޮވާލުންފަދާ ޖާގަ ދެވިގެން ނުވާނެއެވެ. މިފަދަ ކަންކަން ކުރަމުން އަންނަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު ފުލުހުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން އަޅަން ޖެހޭނެއެވެ.
އެހެންކަމުން ރައީސް މުޙައްމަދު ނަޝީދުގެ ކަރު ބުރިކޮށްލުމަށް އާންމު ޙަރަކާތެއްގައި، ލައުޑް ސްޕީކަރުން ގޮވާލި ފަރާތާ މެދު މިހާރުން މިހާރަށް ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލަމެވެ. ޚިޔާލުތަފާތުވާ ކޮންމެ ހިނދެއްގައި މީހުން މެރުމާއި އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ފަދަ ކަންކަން ކުރުުވުމުން ދުރުވުމަށް ޢަބްދުﷲާ ޔާމީނަށް ގޮވާލަމެވެ.