ސިޔާސީ ހައްޔަރުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލަތް އިންތިހާއަށް ގޯސްވެގެންދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާކަމުގެ ރިޕޯޓުތައް ލިބެމުންދާތީވެ، ގުޅިފައިވާ ޕާޓީތަކުން އިންތިހާއަށް ކަންބޮޑުވުންފާޅުކޮށް އެމަނިކުފާނަށް ބެނުންވާ ސިއްހީ ފަރުވާ މިހާރުން މިހާރަށް ފޯރުކޮށްދީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމެވެ.

ފެބްރުއަރީ ހަތަކުން ފެށިގެން ޖަލަށްލުމަށްފަހުވެސް ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅު ގޯސްވުމާ ގުޅިގެން، އާއިލާގެ ފަރާތުން އެކިފަހަރުމަތިން އެމަނިކުފާނަށް އެކަށީގެންވާ ސިއްހީފަރުވާ ދެވޭނޭގޮތަށް، ވީ އެންމެ އަވަހަކަށް ގެޔަށް ބަދަލުކޮށްދިނުމަށްވަނީ އެދިފައެވެ. އެހެންނަމަވެސް މިހާތަނަށްވެސް އާއިލާއާއި، ޤާނޫނީ ވަކީލުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގޮވާލުންތަކަށް ސަރުކާރުން ވަނީ ބީރުކަންފަތެއްދީފައެވެ. ރައީސް މައުމޫނަށް ޖެހިފައިމިވާ އާލާސްކަނފުޅުގެ ސަބަބުން، ކުއްލިއަކަށް ވެއްޓި، ބޮޑެތި އަނިޔާތަށް ލިބުން އެކަށީގެންވެއެވެ
މާފުށީ ޖަލުގެ ޑަކްޓަރު ރައީސް މައުމޫން އާއިލާގެ އެހީ ލިބޭނެގޮތަށް ގެއަށް ބަދަލުކުރުމަށް ލަފާދީފައިވިޔަސް، ކަރެކްޝަންސް އޯތޮރިޓީއިންވަނީ އެމަނިކުފާނު މާލެ ހޮސްޕިޓަލަށް ގެންނަން އިންކާރުކޮށްފައެވެ. އެ އޯތޮރިޓީއިން ރައީސް މައުމޫންއަށް ފަރުވާދޭން މާލެއިން ޑޮކްޓަރެއް ގެންދިއުމުން އެ ޑޮކްޓަރުވެސް ލަފާދީފައިވަނީ، ހާލަތުމިހެން ގޯސްވަމުން ދާނަމަ، ރައީސް މައުމޫން މާލެ ބަދަލުކުރުމަށެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވަމުން އަންނަ މިހިނދުވެސް ސަރުކާރުން ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް އެމަނިކުފާނު އެކަހެރިކޮށް ޤަނޫނާ ޚިލާފަށް ބަންދުކޮށްފައިވުމުން މި ސަރުކާރުގެ އެއްވެސް އިންސާނިއްޔަތުކަމެއް ނެތްކަން ހާމަވެއެވެ. މިފަދަ ދަނޑިވަޅެއްގައިވެސް އަނިޔާވެރިކަން އިސްނުކުރައްވައި ރައީސް މައުމޫނަށް ބޭނުންވާ އަވަސް ފަރުވާ ފޯރުކޮށްދީ، ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ރައީސް މައުމޫން މިހާރުން މިހާރަށް އާއިލާއާއެކު ފަރުވާ ހޯއްދެވޭނެ ގޮތަށް ޖަލު ބަންދުން މިނިވަން ކުރުމަށް ގޮވާލަމެވެ.