އަންނަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދަން އިދިކޮޅު ފަރާތްތަކަށް ޖެހިފައިވަނީ އިލެކްޝަން ކޮމިޝަނާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އިންތިޚާބީ ޤާނޫނުތައް ރައީސް ޔާމީނަށް ފަހިވާގޮތަށް އިންތިޒާމުކުރެވިފައިވާ، ހާމަކަމާއި ހަމަހަމަކަން ނެތް މާޙައުލެއްގައެވެ.
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އިލެކްޝަން ކޮމިޝަނުންނާއި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަން އަމާޒުކުރެވިފައިވާނީ ދިވެހި ރައްޔިތުންގެ ވޯޓުލުމުގެ ފުރުޞަތުތައް ހަނި ކުރުމަށާއި އެތަކެއް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤު ގެއްލުވައިލުމަށާއި ރިޔާސީ އިންތިޚާބު ގަޑުބަޑުކޮށް އިންތިޚާބު ވަގަށް ނެގުމަށް ކަމަށް ގަބޫލުކުރެވޭ ގިނަ ހެކިތަކެއް ދަނީ ފެންނަމުންނެވެ. އެފަދަ ހެކިތަކުގެ ތެރޭގައި ތިރީގައި މިވާ ކަންކަން ފާހަގަކުރެވެއެވެ.
1. އިންތިޚާބަށް އެންމެ ތިންމަސް ދުވަހަށް ވެފައި ވަނިކޮށް، ޖޫންމަހުގެ ތެރޭގައި އިންތިޚާބީ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ވަނީ އެތަކެއް ބަދަލު ގެނެސްފައެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތަކަށް ގެނައިބަދަލުގެ ތެރޭގައި އެހެން ގައުމަކުން ޚީމާޔަށް ހޯދާފައިވާ މީހަކު އެ ޙިމާޔަށް ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިޚާބަކަށް ކުރިމަތިނުލެވޭ ގޮތަށް މާޢްދާއެއް ހިމެނުމަކީ މިހާރު ބޭރު ޤައުމުތަކުގެ ޙިމާޔަތުގައި ތިއްބެވި އެމްޑީޕީގެ ޕްރައިމަރީން ހޮވާފައިވާ ކެންޑިޑޭޓް އެމްޑީޕީގެރައީސް، ރައީސް މުޙަންމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރ، ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބްލް ޤާސިމް އިބްރާހީމަށް އަމާޒުކޮށްގެން އެބޭފުޅުންގެ އިންތިޚާބީ ޙައްޤުތަކަށް ހުރަސް އެޅުމަށް ސަރުކާރަށް ހިންގާފައިވާ ޑިމޮކްރެސީއާއި ޚިލާފު ނާ ތަހުޒީބު ޢަމަލެކެވެ.
2. ޤާނޫނަށް ގެނައި ބަދަލުގެ ތެރޭގައި އިންތިޚާބީ ޤާނޫނުގައި ޖުމްލަ ވޯޓުގުނާ ގޮތް ބަޔާންކޮށްފައިވާ މާޢްދާ އުވާލުމުން ޖުމްލަ ވޯޓު ގުނާނީ ބާޠިލު ވޯޓާ އެކުގައިކަން ނުވަތަ ބާޠިލު ވޯޓާ ނުލައިކަން ކަނޑައެޅިފައެއް ނުވެއެވެ. އިންތިޚާބުގެ ނަތީޖާ ވަރަށް ކައިރިކޮށް ހިނގައްޖެނަމަ ރައީސް ޔާމީނަށް ފަހިވާގޮތަށް ޖުމްލަ ވޯޓު ކަނަޑައެޅުމުގެ ފުރރުޞަތު އެވަނީ އިލެކްޝަންސް ކޮމިޝަނަށް ދީފައެވެ.
3. ޤާނޫނަށް މި ގެނައި ބަދަލުގެ ސަބަބުން ޕަބްލިކް، ޕްރައިވެޓް ޓީވީތަކުން ހުރިހާ ކެންޑިޑޭޓުންނަށް އެއްވަރަކަށް ވަގުތު ދޭން ޖެހެއެވެ. އެހެންވުމުގެ ސަބަބުން، އަމިއްލަ ޓީވީ ޗެނެލްތަކަށް އެ މީހުން ތާއީދު ކުރާ ކެންޑިޑޭޓާ އެއް މިންވަރަކަށް އެ މީހުން ތާއީދު ނުކުރާ ކެންޑިޑޭޓަށް ވެސް ފުރުޞަތު ދޭން މަޖުބޫރުވެއެވެ. އެހެން ނަހަދައިފިނަމަ މިލިއަނުން ޖޫރިމަނާ ކޮށްފާނެކަމުގެ ބިރު އޮވެއެވެ. އެކަމަކު، ސަރުކާރުގެ ނުފޫޒު އޮންން ދައުލަތުގެ ޓީވީ ހިންގަނީ ރައީސް ޔާމީނުގެ އަމިއްލަ ޓީވީ ސްޓޭޝަނެއް ހިންގާފަދައިންނެވެ. ދައްކަނީ ހަމައެކަނި ރައީސް ޔާމީނުގެ ކޮންޓެންޓެވެ.
4. ޖުލައި 23 ވަނަ ދުވަހު އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ގައިޑްލައިން ޢާންމު ކުރީ ރިޔާސީ އިންތިޚާބުގެ ގައިޑްލައިންގައި، ވޯޓަރސް ލިސްޓްގައި ވޯޓުލާ ފަރާތްތަކުގެ އައިޑީ ކާޑު ނަމްބަރާއި ފޮޓޯ ޖަހާ ގޮތަށް ބަޔާންކޮށްފައި ވެއެވެ. އެހެންނަމަވެސް، އިރުކޮޅެއް ފަހުން، އެއީ އޮޅުމަކުން ކުރެވުނުކަމެއް ކަމަށް ވިދާޅުވެ އެ ކަން ވަނީ ބާޠިލުކޮށށްފައެވެ. އޭގެ ފަހުން އިލެކްޝަން ކޮމިޝަނުން ޢާންމުކޮށްފައިވާ ވޯޓަރސް ލިސްޓްގައި ވޯޓުލާ މީހުންގެ އައިޑީކާޑު ނަމްބަރެއް، ވޯޓުލާ މީހުންގެ ފޮޓޯއެއް ނެތެވެ. އެހެން އެކަން ކޮށްފައި ވަނީ ވޯޓުގައި އޮޅުވާލުމާއި މަކަރު ހެދުމަށް ފުރުޞަތު ހޯދުމަށް ކަމަށް ބެލެވެއެވެ.
5. މީގެ ކުރިން، 2013 ވަނަ އަހަރު 55 ވޯޓުފޮށި ޓޫރިސްޓް ރިޒޯރޓްތަކުގައި ބެހެއްޓިނަމަވެސް، ވޯޓުފޮށި ބެހެއްޓުމަށް ރިޒޯރޓްތަކުން ދެކޮޅު ހަދާކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން މި ފަހަރު ނިންމެވީ އެންމެ 7 ރިޒޯރޓްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. މަދު ރިޒޯރޓެއްގައި ވޯޓުފޮށި ބަހައްޓަން ނިންމެވީ، ރިޒޯޓްތަކުގައި ވޯޓު ހައްޤުވާ 30،000 މީހުން މަސައްކަތްކުރާއިރު އޭގެ ތެރެއިން ގިނަ މީހުންގެ ތާއީދު ގުޅިފައިވާ އިއްތިހާދަށް އޮންނާނެކަން ސަރުކާރަށް ޔަޤީންކުރެވޭތީކަމަށް ލަފާކުރެވެއެވެ. އިދިކޮޅު ފަރާތްތަކުންނާއި ރިޒޯރޓް މުވައްޒަފުން އިންތިހާ ދަރަޖައަށް ކަންބޮޑުވުން ފާޅުކުރަމުން ދިއުމުގެ ސަބަބުން، އެންމެ ފަހުން، ވޯޓު ޙައްޤުވާ 100 މީހުން ހަމަވާ ތަންތަނުގައި ވޯޓުފޮށި ބަހައްޓާގޮތަށް ހަމަޖެއްސީއެވެ.
6. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރިއެކޭ އެއްފަދައިން އެމީހުން ބޭނުންވާ މީހެއްގެ އެހީތެރިކަމުގައި ވޯޓު ނުލެވޭނެކަމަށާއި އެކަން ކުރެވޭނީ އިލެކްޝަން ކޮމިޝަންގެ މީހަކަށް ކަމަށް އިލެކްޝަން ކޮމިޝަނުން އިޢުލާން ކުރިއެވެ. އިދިކޮޅު ފޮރާތްތަކުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މިކަމާ ދެކޮޅަށް ކުރި މަސައްކަތްތަކުގެ ސަބަބުން ޖުލައި 22 ވަނަ ދުވަހު އެ ނިންމުން އުވާލައި ކުރިން ވެސް އެކަން އޮންނަ ގޮތަށް ހަމަޖެއްސިއެވެ. އެހެންނަމަވެސް، އިލެކްޝަންސް ކަމިޝަންގެ ޓްރެއިނަރުންވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވެދޭނީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ކަމަށް ބުނެފައެވެ. ވަކި ގޮތަކަށް އިޢުލާން ކޮށްފައި އެނޫން ގޮތަކަށް ކަންކުރުމަށް ރޭވުމަކީ މިއީ އިދިކޮޅު ފރާތްތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
7. އިލެކްޝަންސް ކޮމިޝަނުން ވަނީ ރި ރެޖިސްޓްރޭޝަން ގެ ޑޭޑްލައިންއަކީ އޮގަސްޓް 11 ކަމަށް ބުނެފައވެ. އިލެކްޝަންސް ކޮމިޝަނުން މާލޭގެ އެތައް ތަނެއްގައި ރީ ރަޖިސްޓްރީ ކުރުމުގެ މޭޒުތައް ބެހެއްޓިއެވެ. މި ތަންތްނުގައި ތިބީ ސަރުކާރު ހިންގާ ޕާޓީގެ ސަޕޯރޓަރުންނެވެ. ރާއްޖެއިން ބޭރުގައި އެންބަސީ މެދުވެރިވެގެން ރީރަޖިސްޓްރީކުރުން ކުރިޔަށް ގެންދިޔައެވެ. ސސަރުކާރަށް ވޯޓު ނުދީފާނެކަމަށް ބެލެވޭ މީހުންގެ ފޯމްތައް ބާކީ ކޮށްފާނެކަމުގެ ބިރު ރައްޔިތުންގެ މެދުގައި އޮތެވެ.
8. ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކާއި ކުންފުނިތަކުގެ ވެރިން ވަނީ އިސްވެ އެތަންތަނުގެ މުވައްޒަފފުންގެ ރީ ރަޖިސްޓްރީގެ ކަންކަން ހިންގާފައެވެ. ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް ވަނީ އެތަނުގައި ފޯމު ފުރައި ފޯރމްތައް ވެރިންނާ ހަވާލުކުރުމަށް އަންގައި މަޖުބޫރު ކޮށްފައެވެ. މިއީ ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ކަންކަން އަމިއްލަ އިޚްތިޔާރުގައި ކުރުމުގެ ޙައްޤު ސަރުކާރުން ނިގުޅައިގަތުމެވެ. މިތަންތަނުން ފުރި ފޯމުތަކުގައި ވޯޓުލާން ބޭނުންވާ ދާއިރާ ޖަހަންޖެހޭ ތަން ހުސްކޮށް ބަހައްޓައިގެން ފޯމު ފުރުވާފައިހުރި ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. މިއީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަންކަމެވެ.
9. ސިޔާސީ ވެރިން މެދުވެރިވެގެން ފުރުވި ފޯމުތައް ގެންގޮސްފައި ވަނީ ޕީޕީއެމްގެ އޮފީހަށެވެ. 30 ޖޫލައިގައި ލީކްވި ފީޕީއެމްގެ ސޯޝަލް މީޑިއާގައި ވާ ވީޑިއޯއަކުން އެކަން ސާފުވެއެވެ. ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ ފޯމްތައް ލިބިފައިވާ ކަމަށް ރައީސް ޔާމީނުގެ އަބިކަންބަލުން ރައީސް ޔާމީނުގެ އަރިހުގައި ދަންނަވާތަން ފެނެއެވެ. “ސިވިލް ސަރވިސްއިންނާއި ކުންފުނިތަނުން (ފޯރމުތައް) މިރޭ އަންނާނެ… އެ ރަޖިސްޓްރީ ކުރެވޭނެ.” ދެން އިވެނީ ‘އެތަކެތި މިހާރު ދަނީ އެންޓަރ ކުރެވެމުން.” މިހެން ބުނާ އަޑެވެ. ދައުލަތުގެ މުވައްޒަފުން ރީ ރަޖިސްޓްރީ ކުރި ފޯމުތައް ޕީޕީއެމްގެ އޮފީހަށް ގެންގޮސް އޭގައިވާ މަޢުލޫމާތުތައް އެތަނުގެ ތެރޭގައި ބަލައި ރިކޯޑުކޮށށް ހަދައި އެއާ ގުޅޭގޮތުން ރައީސާއި ރައީސްގެ އަނބިކަނބަލުން މަޝްވަރާކުރެއްވުމަކީ ވޯޓު ލުމުގެ ކުރިން 2018 ގެ އިންތިޚާބު ޕީޕީއެމްއިން ވަގަށް ނެގުމަށް ރާވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމެކެވެ.
10. ދޫނިދޫ ޑިޓެންޝަން ސެންޓަރުގައާއި މާލޭ ޖަލުގައި މަސައްކަތްކުރާ ފުލުހުންނާއި، މި ނޫންވެސް ވަކި ވަކި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުން ވޯޓުލާން ޖެހެނީ ވަކި ފޮއްޓަކަށް ކަމަށް ބުނެ ވަނީ މަޖުބޫރުކޮށްފައެވެ. މިކަމުގެ ސަބަބުން، ވޯޓުލާ ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އެތަންތަނުގެ ވެރިންނަށް ލިބެއެވެ. މިހާރު ދައުލަތް ހިނގާ ގޮތުން އއެ ނުފޫޒު ވޯޓުލާ ފަރާތްތަކަށް ފޯރުވާނެކަމަށް ބެލެވޭތީ އެތަންތަނަށް ވޯޓުލާފަރާތްތަކާއި އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ހިތްހަމައެއް ނުޖެހެއެވެ.
11. މާލޭގައި ދިރިއުޅޭ މާލޭގެ ވަކި ގެއެއްގައި ރަޖިސްޓްރީ ވެފައި ނުވާ މީހުން ރަޖިސްޓްރީ ކުރެވިފައިވަނީ ދަފުތަރުގައެވެ. މި ދަފުތަރު ކުރިން ބަލަހައްޓަމުން ގެންދިޔައީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލަކުންނެވެ. އެހެންނަމަވެސް މިހާރު އެ ލިސްޓާއި އެ ލިސްޓަށް މީހުން ރަޖިސްޓަރީކުރުމުގެ މަސައްކަތް ވަނީ ސަރުކާރުގެ ހައުސިންގ މިނިސްޓްރީއަށް ބަދަލުކޮށްފައެވެ. ސަރުކާރުގެ އައު ބޯހިޔާވަހިކަމުގެ މަޝްރޫޢިން ފްލެޓް ހޯދަން ބޭނުންވާ ފަރާތްތަކުން މާލޭ ދަފުތަރުގައި ރަޖިސްޓްރީވުމަށް ޖޫން މަހުގައި ވަނީ ހުޅުވާލާފައެވެ. ދަފުތަރުގައި އަލަށް ޖެހުނު މީހުންގެ ވޯޓުލުމުގެ ޙައްޤު ގެއްލުނު ނަމަވެސް މައްސަލައެއް ނެތްކަމަށް އެމީހުން ލައްވާ ވަނީ އެއްބަސް ކުރުވާފައެވެ. ބޯހިޔާވަހިކަން ނުހަނު ބޮޑަށް ބޭނުންވާ ތަނެއްގައި ބޯހިޔާ ވަހިކަމާއި ވޯޓުލުމުގެ ޙައްޤާ ދެކަމުން އެއްކަމެއް އިޚްތިޔާރުކުރަން ބުނުމަކީ އެންމެ އަސާސީ އެއް ޙައްޤުކަމުގައިވާ ވޯޓުލުމުގެ ހައްޤުން މަޙުރޫމް ކުރުމަށް މަސައްކަތްކުރުމެވެ. ވޯޓު ލުމުގެ ޙައްޤަކީ އެއްވެސް އެހެންކަމަކާ ގުޅުވައިގެން ވާނެ ކަމެއް ނޫނެވެ.
12. ރިރަޖިސްޓްރީ ކުރުމުގެ ކަންތަކާ ގުޅިގެން މީހުންގެ ޝަކުވާތައް ގިނަވެފައިވަނީކޮށް އިލެކްޝަންސް ކޮމިޝަނުންވަނީ ފިންގަރޕްރިންޓް ޗެކްކުރުމަށް ފުލުހުންނަށް ފޯމްތައް ފޮނުވާނެކަމަށް ބުނެފައެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފުލުހުންގެ އަމަލުތައް ހުރި ގޮތްން މިކަމުގައި ފުލުހުން ބައިވެރިކުރުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ.
13. ވޯޓުލާ މީހުންގެ އަދަދު ރިކޯރޑްކުރުމަށް ޓެބްލެޓްތަކެއް ވޯޓުލާ ސްޓޭޝަންތަކުގައި ބޭނުންކުރާނެކަމަށށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. މިއީ ޗައިނާއިން ގެންނަ އެއްޗެތިތަކެއް ކަމަށް ޚަބަރު ލިބެއެވެ. މި ޓެބްލެޓްތައް މެދުވެރިކޮށް މައި މަރުކަޒަށް މަޢުލޫމާތު ފޮނުވާއިރު އެ މަޢުލޫމާތު ބަދަލުކުރެވިފައިހުރެދާނެކަމުގެ ބިރު ވޯޓުލާ މިހުންގެ އޮތްކަން ފާހަގަކުރެވެއެވެ. ވޯޓުލާ މަރުކަޒުތަކުގައި ރެކޯޑުކޮށް ބަލަހައްޓަން ޖެހޭ އަދަދުތައް މަދުކަމާއެކު އެ އަދަތުތައް އަތުން ލިޔެ ރިކޯޑުކުރުމަކީ ވޯޓުލާ މީހުން އެންމެ އެދޭ ގޮތެވެ. ވޯޓު އޮޅުވާލުމުގެ ފުރުޞަތު ހޯދުމަށް ނޫނީ އެގޮތަށް އެކަން ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވވެ.
14. މަޖުބޫރުކުރުމާއި ނުފޫޒުފޯރުވުމާއި އޮޅުވައިލުމުގެތެރެއިން ރީ ރަޖިސްޓްރޭޝަން ނިމުނު އިރު 95 ހާސް މީހުން ރީ ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ދެހާސް 13 ވަނަ އަހަރާ އަޅާބަލާއިރު، އަދި ރާއްޖޭގައި ވަޒަންވެރިވެފައިވާ ތަން ނޫން ތަންތަނުގައި މީހުން ދިރިއުޅެމުންދާ ޓްރެންޑަށް ބަލާއިރު މިހާ ގިނަ އަދަދެއްގެ މީހުން ރީރަޖިސްޓްރީ ކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ކުރިން ބަޔާންކޮށްފައިވާ ފަދައިން ރީ ރަޖިސްޓްރީ ކުރުމުގައި ސަރުކާރާއި ޕީޕީއެމްއިން އިސްދައުރެއް އަދާކުރުމާއި، ވޯޓަރސް ލިސްޓްގައި ފޮޓޯއާއި އައިޑީ ނަންބަރު ނުޖެހުމާއި، ވޯޓުލާ ސަރަހައްދުގައި ބޭނުންކުރާނެ އައިޑީކާޑާއި ފޮޓޯ ޖެހި ވޯޓަރސް ލިސްޓެއް ނެތުމާއި ވޯޓުލާ ސަރަހައްދަށް ވޯޓުލާން އަންނަ މީހުން އިދިކޮޅު ފަރާތްތަކަށް ފާހަގަކުރރަން ދަތިވާނެ އެންމެހާ ގޮތްތައް ހަދަން މަސައްކަތްކުރުމުން ދޭހަވަނީ ވޯޓު އޮޅުވައިލުމަށް ވަރަށް ބޮޑަށް ރާވާފައިވާ ކަމެވެ. އެފަދަ އޮޅުވާލުމުގެ ތެރޭގައި ޑަބަލްކޮށް ވޯޓުލުމާއި ގޯސްޓު ވޯޓަރުން ވޯޓުލުން ފަދަ އިންތިޚާބީ ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފު އެތައް ކަންތައްތަކެއްކޮށްގެން އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ރާވާފައިވާ ކަމެވެ.