އަދާލަތު ޕާޓީގެ 13 ވަނަ އަހަރީ ދުވަހު އެ ޕާޓީގެ ހިތްވަރުގަދަ މެންބަރުންނަށާއި ޕާޓީގެ ހީވާގި ލީޑަރުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންގެ ނަމުގައި ތަހްނިޔާ ފޮނުވަމެވެ.
ފާއިތުވީ އަހަރުތަކުގައި އަދާލަތު ޕާޓީއާއެކު އެކި ގޮތްގޮތުން މަސައްކަތް ކުރެވި ގުޅުން ބަދަހިވެފައިވާކަމީ އެމްޑީޕީއަށް ލިބޭ ބޮޑު އުފަލެކެވެ. އަދި ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމު ހަރުދަނާވަމުން އަންނަ ކަމުގެ ރަމްޒެއް ކަމުގައި ޤަބޫލުކުރަމެވެ.
ދިވެހިރާއްޖޭގައި އަނިޔާވެރިކަން އިންތިހާއަށްގޮސް އިންސާފު ގެއްލި ބިރުވެރިކަން އިތުރުވެ، މުޅި ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑުކުރާން ފެށުމާއެކު އެންމެ ހިނދުކޮޅެއްވެސް ފަހަތަށްނުޖެހި ޤާނޫނުއަސާސީއާއި ދިވެހިރައްޔިތުންގެ ދިފާޢުގައި އެންމެ ކުރީ ސަފުގައި އަދާލަތު ޕަޓީން މަސައްކަތް ކުރަމުން އަންނަކަމީ މި ނިޒާމު ދެމެހެއްޓޭނެ ކަމުގެ އަލިގަދަ ހެއްކެކެވެ. އަދި ސިޔާސީ ޚިޔާލުތަފާތުވުން އެއްކައިރިކޮށް މި ޕަޓީއާއި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ރިފޯމް މޫވްމަންޓާއެކު އަދާލަތު ޕާޓީން ކުރައްވަމުން އަންނަ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން ފާހަގަ ކުރަމެވެ.
ކުރިއަށް އޮތް އަހަރުތަކަކީ އަދާލަތު ޕާޓީއަށް ފާގަތި އަހަރުތަކެއް ކަމަށް އެދޭ ހިނދު، ދިވެހިރާއްޖެ އިންސާފުގެ މަގަށް ވާސިލްކޮށްދިނުމުގައި މި ޕަޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގައ ޔަޤީންކަން އަރުވަމެވެ.