އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު (މާލީ) އަޙްމަދު ޢަބްދުﷲގެ މުދަލާއި، މުއައްޒަފުންނަށް ގެއްލުންދީ، އިންޒާރުދިން މައްސަލަ ކުށްވެރިކުރުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ ނައިބު (މާލީ) އަޙްމަދު ޢަބްދުﷲގެ މުދަލާއި، މުއައްޒަފުންނަށް ގެއްލުންދީ، އޭނާއަށް އިންޒާރުދިން މައްސަލަ މިޕާޓީއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ރޭގެ ވަގުތެއްގައި، އަޙްމަދު ޢަބްދުﷲގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ހިންގާ އޮފީހަށް ވަޅި ހިފައިގެން ގްރޫޕަކުން ވަދެ، އޮފީހުގައި އެވަގުތުހުރި މުއައްޒަފުގެ އަތާއި، ފައި އަދި މޫނު ބަނދެ، 36،500 ދިވެހި ރުފިޔާއާއި، ދެ ލެޕްޓޮޕްވަނީ ވަގަށް ގެންގޮސްފައެވެ. އަދި އޮފީހުގެ ގޮނޑިމޭޒާއި، އެހެނިހެން ތަކެއްޗަށް ނުހަނު ގެއްލުން ދީފައިވެއެވެ. އަދި އަޙްމަދު ޢަބްދުﷲ ”ދުއްވާލާނެ“ ކަމުގެ އިންޒާރު، ރަހީނުކުރި މުވައްޒަފަށް ދިނެވެ.
ފުލުހުންގެ ޓީމެއްވަނީ މަސްއަލައިގެ ރިޕޯޓުނަގާ، އެއްކުރެވެންހުރި ނަމަ ހުރި ފޮރެންސިކް ހެއްކެއް ހޯދުމުގެ މަސައްކަތް ކުށުގެ ވެށީގައި ކޮށްފައެވެ. 

މިމަސްއަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މިއީ އާދައިގެ ވައްކަމެއް ނުވަތަ ފޭރުމެއްކަމަކަށް ނުބެލެވެއެވެ. މި ޕާޓީން ދެކެނީ މިއީ އަޙްމަދު ޢަބްދުﷲއަށް ސީދާ އަމާޒުކޮށް، ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ އިސް ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުމުގެގޮތުން ދުރާލާ ރާވައިގެން ހިންގާފައިވާ ޖިނާޢީ ކުށެެކެވެ

އެހެންކަމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަޙްމަދު ޢަބްދުﷲއަށް އަމާޒުކޮށް ހިންގާފައިވާ މިނޭއްގާނީ ޢަމަލު ފުރިހަމަ ތަޙްޤީޤެއްކޮށް، ކުށުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ކަމާބެހޭ މުއައްސަސާތަކަށް މިޕާޓީއިން ގޮވާލަމެވެ.

އަދި އެމްޑީޕީއާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕްގެ ބޭފުޅުންނަށާއި، ޙަރަކާތްތެރިންނަށް އަމާޒުކޮށް، ރިޔާސީ އިންތިޚާބާ ދިމާކޮށް، ކުރަމުންދާ ގޯނާއާއި، އެކި ބާވަތުގެ ގެއްލުމާއި، އުނދަގޫތައް ހުއްޓާލުމަށްވެސް މިޕާޓީއިން ގޮވާލާ، އެފަދަ ޢަމަލުތައް ކުށްވެރިކުރަމެވެ.