ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރާނީ ރާއްޖެ ލާމަރުކަޒީ ކޮށްގެން – އިބޫ ސޯލިހް

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރާނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކޮށްގެން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިރޭ ގަލޮޅު ދެކުނު ދާއިރާގައި ކެމްޕޭން ޖަގަހަ ހުޅުވައިދެއްވަމުން އިބޫ ވިދާޅުވީ މާލެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ޓްރެފިކް، ޕާކިންގ އަދި ބޯހިޔާވަހިކަމުގެ ދަތިކަން ހިމެނޭކަމަށެވެ.
“މާލޭގައި 8000 އަށް ވުރެން ގިނަ ކާރު އަދި 80،000 ސައިކަލު ރަޖިސްޓްރީ ކުރެވިފައިވޭ، މި ހުރިހާ ވެހިކަލެއް ޕާކުކުރަން 1 ލައްކަ ބާވީސްހާސް އަކަފޫޓުގެ ސްލޮޓު ބޭނުންވޭ، ޕާކިންގ ސަރަހައްދެއް ނެތި ޖޫރިމަނާ މައްޗަށް ޖޫރިމަނާ ކޮށް ބައެއްގެ ދިރިއުޅުން ހަލާކުވާވަރަށް ކަންތައް ގޮއްސި” ޓްރެފިކް އަދި ޕާކިންގެ މައްސަލައަށް އަލިއަޅުވާލަމުން އިބޫ ވިދާޅުވިއެވެ.

މާލެ ތޮއްޖެހުމަށް ދިމާވި ސަބަބަކީ ރައީސް ޔާމީނުގެ މަރުކަޒީ ސިޔާސަތު ކަމަށާއި، ސަރުކާރުން ޕާކުކުރާނެ ތަނެއް ރައްޔިތުންނަށް ނުދައްކާ ޖޫރިމަނާ ކުރާ ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އިބޫ ވިދާޅުވިއެވެ.

ސީޓީ ކައުންސިލުން ކުރިންވެސް މިކަން ހައްލުކުރުމަށް ޕްލޭން ތަކެއް ހަދާފައިވާ ކަމަށާއި، ނަމަވެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުން މަސައްކަތް ހުއްޓިފައިވާ ކަމަށް އަދި ޖަރީރާ ވެރިކަމެއްގައި މިކަން ހައްލުކުރާނީ ލާމަރުކަޒީ އުސޫލުން ކައުންސިލް ތަކަށް ލިބެންޖެހޭ ބާރާއި މާލީ އެހީތެރިކަން ސަރުކާރުން ދީގެން ކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ކުއްލި ހައްލެއްގެ ގޮތުން މަގުތަކުގައި މުދާ ބަރުކޮށް ބާލާ ސަރަހައްދުތަކެއް ޖަޒީރާ ވެރިކަމެއްގައި ކަނޑަނެ ކަމަށް އިބޫ ވިދާޅުވިއެވެ. މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ފުރިހަމަ ހައްލެއް ގެންނާނެ ސިޔާސަތުތައް ވައުދު ނާމާގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނާނެކަމަށް އިބޫ ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުކިޔުއްވައި އިބޫ ވިދާޅުވީ އޮޅުވާލުމަށް ނުކުރާނޭ އެއްވެސް ކަމެއް ރައީސް ޔާމީނުގެ ސަރުކާރުގައި ނޯންނާނޭ ކަމަށާއި، މިއީ ރާވާ އިންތިޒާމް ކުރެވިގެން ވައްކަން ކުރާ ސަރުކާރެއް ކަމަށެވެ. އެހެން ކަމުން ޖަޒީރާ ކެންޕޭން ޖަގަހަ ތަކުގެ ހެޔޮ ބޭނުން ކޮށް، ކުރިއަށް އޮތް 7 ދުވަސް ތެރޭގައި ރީ ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރެއްވިއެވެ.