ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޓޭޓް އިބޫ ސޯލިހް މާލޭގައި ދިރިއުޅޭ ބައެއް ޒުވާނުންނާއި ބައްދަލު ކުރައްވައިފިއެވެ. މި އިވެންޓަކީ “ގެޓް-ޓު-ނޯ އިބޫ ސޯލިހް” ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބުރާސްތި ދުވަހުގެ ރޭ މާލެގާއި ބާއްވާފައިވާ އިވެންޓެކެވެ.
ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މި ބައްދަލުވުމުގައި، އިބޫ ސޯލިހް ވަނީ އެމަނިކުފާނު ޒުވާނުންނާ ގުޅޭ ގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިޖެނަމަ ގެންގުޅުއްވާނެ ބައެއް ސިޔާސަތުތައް ބައްދަލުވުމުގައި ބައިވެރިވި ޒުވާނުންނާ ހިއްސާ ކުރައްވާފައެވެ.
މި ބައްދަލަވުމުގައި، އެކި ދާއިރާތަކުގެ ޒުވާނުން ޓްވިޓަރ މެދުވެރިކޮށް އިބޫ ސޯލިހުއާއި ކޮށްފައިވާ ސުވާލުތަކުގެ އިތުރުން މި ބައްދަލުވުމުގެ ބައިވެރިން ކޮށްފައިވާ ސުވާލުތަކަށް ޖަވާބުދެއްވައި އެބޭފުޅުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން ސާފު ކޮށްދެއްވާފައިވެއެވެ. މީގެ ތެރޭގައި، އެމަނިކުފާނުގެ ވެރިކަމެއްގައި މިހާރަށްވުރެ ގިނަ ކުދިންނަށް މަތީ ތަޢުލީމު ހާސިލް ކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތު ފަހިކުރުމާއި، މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދާދިނުމާއި އަދި އަންހެނުންނަށް ސިޔާސީ މައިދާނުގައި ހަމަހަމަ ފުރުސަތު ތަކެއް ހޯއްދާވާ ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނުގެ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން ބައެއް ކަންކަން ހިއްސާކުރައްވައި، ސިޔާސީ މައިދާނަށް އެމަނިކުފާނު ނިކުންނެވި ގޮތާއި އަދި ތަޢުލީމި ހަޔާތާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރަށްވާފައި ވެއެވެ.