މި ވެރިކަމުގައި ރަނގަޅު މަގެއް ރައްޔިތުންނަށް ދައްކަވާ، އިސްލާހަށް މަސައްކަތް ކުރައްވާ ކޮންމެ މީހަކުވެސް އޮންނަ ޖެހެނިީ ޖަލުގައި: ފައިސަލް ނަސީމް

މި ސަރުކާރުގައި ރައްޔިތުންގެ ހައްގުގައި ބަހެއް ބުނެފި ކޮންމެ މީހަކަށް އޮތީ ޖަލުގޮޅި ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އދ. މާމިގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ދިވެހިން އުޅުމެންދަނީ ބޮޑު ނާމާންކަމެއްގެ ތެރޭގައި ކަމަށާއި، ރައްޔިތުން ހަމަޖެހިގެން އުޅޭތަނެއް ނުފެނޭ ކަމަށެވެ. އަދި މިއީ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއްކަމަށާއި، ހެޔޮ ބަދަލަކަށް، އިސްލާހަށް އެދި ރައްޔިތުންގެ ހައްގުގައި ބަހެއް ބުނެފިކަމަށްވާނަމަ އޮތީ ޖަލުގޮޅި ކަމަށާއި، އެކަންކަން ބަދަލުކުރުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ސެޕްޓެމްބަރު 23 ވަނަ ދުވަހަކީ މިއަށްވުރެ މާ އުފާވެރި ރާއްޖެއަކަށް ދިވެހި ރައްޔިތުންނަށް ވާސިލްވެވެން އޮތް ދުވަސް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ
ފައިސަލް އިތުރަށް ވިދާޅުވީ، މި ވެރިކަމުގައި ރަނގަޅު މަގެއް ރައްޔިތުންނަށް ދައްކަވާ، އިސްލާހަށް މަސައްކަތް ކުރައްވާ ކޮންމެ މީހަކުވެސް އޮންނަ ޖެހެނިީ ޖަލުގައި ކަމަށާއި، އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާއި، ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތުޕާޓީގެ ރައީސް އައްޝައިޙް އިމްރާން އަބުދުﷲ ފަަދަ ބޭބޭފުޅުން ތިއްބެވީ ޖަލުގައިކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ. އަދި އެ ބޭފުޅުން ޖަލުގައި އޮންނަން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަަމަށާއި، އެއި ދިވެހި އެއްވެސް ރައްޔިތަކުވެސް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ފައިސަލް ވަނީވިދާޅުވެފައެވެ. .

މީގެ އިތުރުން، ގައުމުގެ ހާލަތު މިހާތަނަށް ނުދާވަރަށް، އިންތިހާ ދަރަޖައަށް ދަށަށް ގޮސްފައިވާކަމަށާއި، އަނިޔާ އަކީ އެއީ އެއްވެސް މީހަކަށް ތަހައްމަލް ކުރެވޭ، ބަލައިގަނެވޭ އެއްޗެއް ނޫން ކަމަށް ފައިސަލްވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ރައްޔިތުންނަކީ އަބަދުވެސް އަނިޔައާއި ދެކޮޅު ބައެއްކަން ފައިސަލް ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގައި ހިންގި ބޮޑެތި ޕްރޮޖެކްޓްތަކަށް އެކަމަށް ހޭދަވާ އަސްލު އަގުގެ އެތަކެއް އަގެއް ހޭދަކޮށް، ރައްޔިތުންނަށް ކޮށްދޭންޖެހޭ އަސާސީ ކަންކަން ނުކޮށްދެވި ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި، ކޯލިޝަަން ސަރުކާރުގައި ވަކި ރަށަކަށް، ވަކި މީހަކަށް ވީތީ ވަކިގޮތެއް ނުގެންގުޅޭނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ