މުޅި އިދިކޮޅު ކޯލިޝަން ބިނާ ވެގެންވަނީ ރައްޔިތުން އެދޭ ކަންތައްތަކުގެ މައްޗަށް

މުޅި އިދިކޮޅު ކޯލިޝަން ބިނާ ވެގެންވަނީ ރައްޔިތުން އެދޭ ކަންތައްތަކުގެ މައްޗަށް ކަމަށާއި އިދިކޮޅުގެ ވެރިކަމެއްގައި ތަރައްގީގެ ނަމުގައި އިސްރާފު ނުކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އދ. އަތޮޅު މަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ފައިސަލް ވިދާޅުވީ، މުޅި ކޯލިޝަން ބިނާ ވެގެންވަނީ ރައްޔިތުން އެދޭ ގޮތަށް ކަންކަންކުރުމުގެ މައްޗަށް ކަމަށާއި، އެއްވެސް ރައްޔިތެއްގެ ހިޔާލާއި، ލަފައަކީ، މުޅި ކޯލިޝަންގެ ތެރެއިން ބާކީވެގެން ނުދާނެ އެއްޗެއް ކަމަށެވެ. 

ހުރިހާ ރައްޔިތުންގެ ބަސް އަޑު އިވުމަކީ ބޭނުންވާ ކަންތައް ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި، ވިސްނުން ހުރީ ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަން ދިނުމަށް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ރަަށްރަށުގެ ރައްޔިތުން ބޭނުން ނުވާ ކަންތައްތަށް ކުރުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށާއި، އެބޭފުޅުންގެ ސަރުކާރެއްގައި ރައްޔިތުންގެ ހިޔާލާއެކު ރައްޔިތުން ބޭނުންވާކަންކަން ކޮށްދޭނެ ކަމަށެވެ. 
އިސްރާފަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި ނުދަންނާނެ އެއްޗެއް ކަމަށާއި، އެއީ ނުކުރާނެ ކަމެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. 
. 

ފައިސަލް އިތުރަށް ވިދާޅުވީ، ތަރައްގީގަކީ މުޅި ގައުމަށް ގެންނަ އެއްޗެއް ކަމަށާއި، ވަކި ބަޔަކު އިސްތިސްނާ ނުކޮށް، މުޅި ރައްޔިތު އެންމެނަށް ގެންނަ އެއްޗެއް ކަމަށެވެ.