ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ދައުލަތުގެ މުދަލާއި، ފައިސާ ރައީސް ޢަބްދުﷲ ޔާމިން ބޭނުންފުޅުކުރައްވަމުންގެންދަވާ މަސްއަލަ، ގުޅިފައިވާ ރިޔާސީ ޕާޓީތަކުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.
ދެވަނަ ދައުރަކަށް ރައީސް ޢަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުންވެސް ބޭނުންކޮށްގެންކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެފައިވާތީ، އެކަން ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އިލެކްޝަންސް ކޮމިޝަނަށް މަސްއަލަ ހުށަހަޅުއްވާފައިކަން ގުޅިފައިވާ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އަދި މިމަސްއަލައާމެދު ފުލުހުންވެސް ވިސްނުންހިންގަވުމަށް އެދިވަޑައިގަންނަވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޢަބްދުﷲ ޔާމީން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް އިބްރާހިމް މުޙަންމަދު ޞާލިޙު ޖަވާބުދާރީވެވަޑައިގަންނަވާން ޖެހޭ ސުވާލުތަކެއް ހުރިކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކުގެ ރައްދުގައި މާރިޔާ ވިދާޅުވެފައިވަނީ އެމްޑީޕީއިން 2008 ގައިވެސް ކޮށްދީފައިވާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ، ހިތްހެޔޮ ކުރުވަނިވި ވެރިކަމެއްކަމަށެވެ.
“ރާއްޖޭގެ ހުރިހާ އެންމެންނަށް ކަންތައްތައް ކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ވިސްނާފައި ހުރީ،” މާރިޔާ ވިދާޅުވިއެވެ.
އެގޮތުން އާސަންދައާއި، ދުވަސްވީ މީހުންނަށް ޕެންޝަނެއް ދޭން ފަށާފައިވަނީ އެމްޑީޕީގެ ވެރިކަމުގައިކަން މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އެތައް ދުވަހަކުން މެނުވީ ނުހިއްކޭނެކަމަށް ބުނަމުންދިޔަ ބިން ހިއްކާ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެމްޑީޕީއިން ކުރި ހިންމަތުގެ ބޮޑުކަމުން ރައީސް މުޙަންމަދު ނަޝީދަށް ފްލެޓް ދޮންބެގެ ނަމުން ނިސްބަތްކުރެވެން ފެށިކަންވެސް އޭނާ ފާހަގަކުރެއްވިމެއެވެ.