ރަށްރަށުން ފެންނަނީ އިންސާފު ހޯދުމަށް މިކުރެވޭ މަސައްކަތަށް އާނއެކޭ ބުނާ ރައްޔިތުން ކަމަށް އިބޫ ސޯލިހް ވިދާޅުވެއްޖެ

ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފެނިވަޑައިގަންނަވަނީ މިއަނިޔާވެރި ވެރިކަމަށް ނޫނެކޭ ބުނެ، އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް އާނއެކޭ ބުނަމުންދާ ރައްޔިތުން ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބ އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި، އެއަތޮޅު ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަން އިބޫ ވިދާޅުވެފައިވަނީ ފަހަތަށްނުޖެހި، ގޮންޖެހުންތަކުގެ ކުރިމަތީގައި ކުރެވޭ މިމަސައްކަތް 23 ސެޕްޓެންބަރުގައި ކާމިޔާބުކުރެއްވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އެކަމަށްޓަކައި ކަމަދޫފަދަ އަޣްލަބިއްޔަތު ބޮޑު ރަށްރަށް އިސްވެ، ގުޅިފައިވާ އެހެނިހެން ރަށްރަށާއި، އަތޮޅު ތެރޭގައި ކެމްޕޭނުގެ ކަންކަން ކުރިއަށް ގެންދެވުމަށް އިބޫ އެދިވަޑައިގަތެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އެކުވެ، އެކުލަވާލައިފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ އިތުރަށް ވިދާޅުވެފައިވަނީ ގެސްޓް ހައުސްއާއި، އެހެނިހެން ވިޔަފާރިތަކުގެ މައިބަދައަކީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލަުންކަމަށްވާތީ، އެމްޑީޕީގެ ވެރިކަމުގައި ފެށި އެމަސައްކަތް އަލުން އިޔާދަކޮށް، ހަލުވިކަމާއި، އިތުބާރާއެކު އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނެ ނިޒާމެއް ޤާއިމުކުރައްވާނެކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރުގައި ކަމަދޫގައި ހަލާކުވެފައި އޮތް ބޭރުތޮއްޓާއި، ބަނދަރު މަރާމާތުކުރާނެކަމުގެ ޔަޤީންކަން ދެއްވަމުން، އިބޫ ވިދާޅުވެފައިވަނީ ރަށުގައި ނަރުދަމާއާއި، ބޯފެނުގެ ނިޒާމު އަވަސްގޮތެއްގައި ޤާއިމުކުރުމަކީ “އަޅުގަނޑުމެންގެ ވެރިކަމެއްގައި” އެންމެ އިސްކަމެއްދެއްވާނެ އެއްކަންތައްކަމަށެވެ. އަދި ކަމަދޫ ފަދައިން އަސާސީ ޚިދުމަތްތައް ނުލިބި، އެޚިދުމަތްތަކަށް ރައްޔިތުން ތިބީ އެދިއެދިކަން އިބޫ ފާހަގަކުރެއްވިމެއެވެ.